ކުށުގައި އުޅޭ ކުދިން އިޞްލާޙް ކުރަން ޚާއްޞަ ފިޔަވަޅުތަކެއް

ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ޤައުމަކަށްވުމާއެކު އެހެން ޤައުމުތަކާ އަޅާބަލާއިރު ކުށް ކުރުން ހަލުވި ޤައުމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ގޮންޖެހުން މިހެން އޮތް ކަމުގައި ވިޔަސް ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށް މަދު އަމާން ޤައުމަކަށް މިޤައުމު ވާނެ ކަމާމެދު ޝައްކެތް ނެތެވެ.

ފުލުހުންގެ ޚިދުމަތް؛ ކުށް މަދު ކުރުމުގެ އަމާޒަށް

މިކަން މިހެން އޮތްއިރު، ޖިނާޢީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ޤާނޫނު ތަންފީޒްކުރުމާއި ޤާނޫނު ނެގެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް  ފުލުހުންގެ ޚިދުމަތް މުހިންމުވާ ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ، މުޖުތަމައުއާ ގުޅިގެން ކުށް ކުރިޔަ ނުދިނުމަށް މަސައްކަތްކޮށް، ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން، ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ޤާއިމްކޮށްދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަކީ، ފުލުހުން އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ.

ހޯމް ލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ތަސައްވުރު

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިޞްލާޙް ކުރުމަށް ޚާއްސަ ރަށަކަށް ގެންގޮސް ދިގު މުއްދަތަކަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަން ރާވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައެވެ. ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވިދާޅުވީ، ކުށުގެ ވެށީގައި އުޅޭ ކުދިން އިޞްލާޙް ކުރުމަށްފަހު އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ވަކި ޚާއްޞަ ރަށެއް ކަނޑައަޅައި ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ މިނިސްޓްރީތަކާ ގުޅިގެން އެ ރަށުގައި ކުދިންނަށް ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ދީނީ ތަޢުލީމާއި ރަސްމީ ތަޢުލީމާއި ކުޅިވަރު އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.

"އޭގެ ނަތީޖާއަކީ ކުށުގެ މާހައުލުގައި މި ވަގުތު އުޅޭ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހިޔާތަށް އާ އުންމީދެއް ލިބިދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވި ގޮތުގައި އެކުދިން ގެންދާ ރަށަށް ކިޔަން ނިންމާފައިވާ ނަމަކީ "ހޯޕް އައިލެންޑް" އެވެ. އެ ރަށުގައި އެ ކުދިން އުމުރުން 18 އަހަރު ވަންދެން ގެންގުޅުމަށްފަހު، ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް ރަސްމީކޮށް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްފަހު، ވަކި މުއްދަތަކަށް އެ ޚިދުމަތުގައި އުޅެ، އިވެލުއޭޝަނެއް ހަދައި އެ ކުދިން ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

"އަށާރަ އަހަރު ވާއިރު އެ ކުދިންނަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގާނެ. ހިދުމަތުގައި އުޅެފައި ބޭނުމިއްޔާ ހުނަރަކާއިގެން އެ ކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިޔަށް ދާން ވެސް ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްތައް ހިންގާނީ، އެކަމަށް ޤާނޫނީ ބާރުވެރިކަން ލިބިގެންނެވެ. ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމަށް ނިންމާފައި ވަނީ އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ ތުއްތު ކުދިން ޖަލަށް ލައިގެން ގެންގުޅުމެއް ނޫން،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ އުމުރު ތިރި ކުރުމުގެ ސަބަބުން ޤާނޫނީ ގޮތުން އެ ކުދިންނަށް ހިންގަން ޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ ބާރު ލިބޭނެއެވެ.

އެހެންކަމުން، މި މުހިއްމު ފިޔަވަޅުތަކާއެކު ކުށުގައި އުޅޭ ކުދިން އިޞްލާޙް ކުރަން މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ނަތީޖާއަކަށް ވަނީ ކުށްމަދު މުޖްތަމަޢެއް ބިނާކުރެވި، ޒިންމާދާރު ޖީލެއްގެ ހުވަފެން ޙަޤީޤަތަކަށް ވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު