މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ތޭރަވަނަ ބައި)

ރީތި ދިރިއުޅުމެއް އުފާވެރި ޢާއިލާގެތެރޭ ވެޔޭ
ރީތި ތަރުތީބުގެމަތީން ކަންތައްތަކެއްދާ އެކުވަމުން
ތިންކުދިން ތަރުބިއްޔަތުގެ އުނގަކުން އުފާވެރިކަންމަތީ
އިންތިހައި ލޯތްބާ ކުލުނުލިބި އާދެޔޭތިބެ ބޮޑުވަމުން
ދިވެހިވަންތަކަމާ ސަގާފަތް އެކުލެވޭ ފަހި ދިރިއުޅުން
ރިވެތި އާދަތަކާއެކީ ކުރިޔަށްދެޔޭ ހަލިކަން ދެމުން
ގޭތެރޭ އަހަރެންހުރިއްޔާ ފުރުސަތެއް ލިބުމާއެކީ
އޭނައާދަޔެކޭ އެއީ އަހަރެންގެ ޚިދްމަތުގައި ހުރުން
ތިންކުދިން ބަލަމުން އިތުރު ވިޔަފާރިއެއްކުޑަ ހިންގަމުން
ހިތްވަރާއެކު ދިރިއުޅުން އާރާސްތުކުރިޔޭ އެކިރޮނގުން
އަނތްބަކަށްވީތީ ފަޚްރުވެރިވެސް ވެވޭހައިވަރު ވެޔޭ
ކަންކަމަށްދޭ އިސްކަމާ ގާތްކަން މަށަށްހުރި ބޮޑުކަމުން
އެހެރަ އޯގާތެރިކަމެއް އަދި އެހެރަ މަޑުމައިރިކަމެއް
އެހެރަހުރި ހިތްހެޔޮކަމެއް ނުފިލާނެޔޭ ދުވަހަކު ހިތުން
އަސްލުވެސް އޭނާގެކަންތަކުގައި މަގޭ ޙައިރާންވެޔޭ
ފަސްނުޖެހި ކަންކަމުތެރޭ ހުޝިޔާރުކަންހުރި ބޮޑުކަމުން
ރީތި މަލަކޫތީ ޢަޖައިއިބު އެކުލެވޭ ފަރި ސޫރަޔަށް
ރީތިކޮށް ނުބަލައި ނުހުރެވޭ އެންމެހިނދުކޮޅަކަށް މަޑުން
މާނަވީ ހިނިތުންވުމާ ފުންދެލޮލުގައިވާ ރީތިކަން
ތާއަބަދު ބެލިޔަސް ނުވާނޭ ފޫހި ގައިމޭ ކަށަވަރުން
ކުރިމަތީން ބައްދަލުވިނަމަ މީހަކު ތަނެއްގައި އޭނަޔާ
ފުރި އެ ހިތްދާނޭ ލިބޭ ހިތްހެޔޮކަމުގެ ހަދިޔާތަކުން

*ނުނިމޭ:
10 މެއި 2024
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *