23 އެޕްރީލް 2025

މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ސާދަވަނަ ބައި)

ރުޅިއެއީ ނެތްއެއްޗެކޭ އޭނާގެ ސާފު މިޒާޖުގައި
ގުޅިވަނީ އެ ޚަޞީލަތާ ރަޙްމާއި ހަމްދަރްދީކަމުން
އެންމެހައި ކަނބަލުން ބަލައިލަން މީ ނަމޫނާއެއްމެޔޭ
އެންމެހައި ކަނބަލުންގެ ޒިންމާތައް ޚިޔާލަށް ގެންނަމުން
ކޮންމެ އުފަލެއް ކޮންމެ ޝަރަފެއް ލިބުމުގައި މެދުވެރިޔަކީ
ކޮންމެރޮނގަކުން ބެލެވުނަސް އަނބިމީހަޔޭ ހުރިހައިގޮތުން
އަދަބުއަޚްލާޤާ ސުލޫކާ އޭނަޔަށް ލިބިފައިވި ނަމަ
މަދަދުތައް އެކިކަހަލަ ފެނި އަންނާނެޔޭ ހުރެ ހީލަމުން
ހާސްކަމާ ހިތްދަތިކަމާ ފިރިމީހަޔަށް ނާންނާނެޔޭ
ހާސްއަހަރު ހޭދަވެދިޔަސް އެކުގައިއުޅޭ ދިރިއުޅުމަކުން
ގާތްކަމާ އެކުވެރިކަމާ އަބަދަށްމެ ދެމިގެންދާނެޔޭ
މާތްކަމުގެ ގަހަނާތަކުން ޒީނަތްވެ އަނބިމީހައި ވުމުން
ކުރެވިދާ އިތުބާރު ދެފަރާތައްމެ ހަމަހަމަ ވެއްޖެނަމަ
ކުރެވިދާ ޝައްކެއް ނުއޮންނާނޭ އެކަކު އަނެކަކު ފުށުން
ހެޔޮލަފާ އަނތްބެއްގެ ޚިދްމަތަކީ ވަރަށްބޮޑު ނިޢުމަތެއް
ހެޔޮރަނގަޅުގޮތުގައި ހިފަން ލިބިދޭ އިލާހީ ޙަޟްރަތުން
މިގޮތުގައި ވިހިއަހަރު ދިރިއުޅުމެއް މި ހޭދަވަމުންދަނީ
ދެގޮތަކަށް ބަދަލެއްވުމެއްނެތި އެކުއެކީ ހިއްސާވަމުން
** ** ** ** ** ** ** ** ** **
ދޭހަވާ ޢިބްރަތްތަކެއް އެބަހުރިމެޔޭ ހަމަގައިމުވެސް
ހޭދަވާ ޢުމުރުގެ ދުވަސްތަކުގައި ބަލައި ވިސްނާފުމުން
އެއްކަމެއްވެސް އެއްގޮތެއްގައި އަބަދު ދެމިނޯންނާނެޔޭ
ގެއްލިދިއުމީ ފިޠުރަތޭ ދުނިޔޭގެ ހަމަޔާ އެއްގޮތުން

* ނުނިމޭ…
11 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *