Saturday, 22 June 2024

މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ފަނަރަވަނަ ބައި)

އެއްދުވަހު މެންދުރު ނަމާދުންނިމި ގެޔަށްއައި މަގުމަތީ
އެއްވެފައި ބަޔަކު ފެނުނޭ މަގުގެ މެދަކާހަމަތަނުން
ބާރުބާރަށް ގޭދޮށަށްދިއުމަށް ހިނގައިގަތުމާ އެކީ
ބާރުކޮށްދުވެ އަންނަތަން ފެނުނޭ ދެކުއްޖަކު މާދުރުން
މިދެކުދިންފެނުމާއެކީ ކޮންމެސްކަމެއް ގޯސްވެއްޖެކަން
މިދެކުދިންގެފުށުން މަށަށްއެނގުނޭ ފެނުނު ޙަރަކާތްތަކުން
އައިމި ދެކުދިން ކައިރިޔަށް އައުމާއެކީ ރޮއިގެންފިޔޭ
ގައިމަގޭ ބައްދާލުމާއެކުގައި އެ ދެކުދިން ހުރިއަޑުން
އޭމަގޭ ދެކުދިންކަމަށްވާ ޝާޒްއާ އަދި ނާޒްއޭ
އޭރު އެކުދިންނަށް އެވާގޮތް ނޭނގެޔޭ ބުނެދޭން ދުލުން
ވާނުވާއެއް ނޭނގި ގަދަޔަށް ހިތްމަގޭ ތެޅެމުންދެޔޭ
ވާގިދެރަވާހެންވެފައި ހާސްކަން ލިބުނުލެއް ބޮޑުކަމުން
އޭރު އެކުދިން އަތުތެރޭގައި ގިސްލަގިސްލައިފައި ރޮޔޭ
ވޭނަކުން ލިބެމުންއެދާފަދަ ކެތްނުކުރެވޭ ފަދަގޮތުން
ނޭނގުމެއްގެތެރޭ މަށަށް ލިބެމުން އެދިޔަ އިޙްސާސްތަކެއް
ނޭނގެޔޭ ބުނެދޭކަށެއް އެކުދިންގެ ކަންތައް ހުރިގޮތުން
ކޮންކަމެއްތޯވީ ވަރަށްކަންބޮޑުވެހުރެ އެހުމާއެކީ
ކޮންމެކުއްޖަކު އަދިވަކިން ރުއިން ގަދަވިޔޭ ތިބެ އޮޅުލަމުން

*ނުނިމޭ.،..
12 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *