ނ. ފޮއްދޫ، ޅޮހި އަދި ވެލިދޫގެ ސިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން، ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލާއި، ވެލިދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އައްބާސް މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެލްތު މިނިސްޓްރީގައެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެލިދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ، މިނިސްޓަރ އޮފް ހެލްތް، ޑރ. އަބްދުاللّٰه ޚަލީލާއެކު ބޭއްވުނު ބައްދަލުވުމުގައި ފޮއްދޫ ސިއްޙީ މަރުކަޒުގެ އާއިމާރާތުގެ މަސައްކަތް އަވަސްކުރުމާއި، މަރުކަޒަށް ބޭނުންވާ އީސީޖީ މެޝިނެއް ވީހާވެސް އަވަހަށް ފޮނުވައިދިނުމާއި، ޅޮހީގެ ސިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު މުވައްޒަފުން ނެގުމާއި އަދި ސިއްޙީ މަރުކަޒުގެ އާއިމާރާތުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައެވެ.
މީގެ އިތުރުން، ވެލިދޫ ސިއްޙީ މަރުކަޒުގައި 4 ވަނަދަރަޖައިގެ މަރުކަޒަކުން ލިބެންޖެހޭ ހިދުމަތްތައް ގާއިމު ކުރުމާއި އަދި ވެލިދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވުމަށް މަޝްވަރާކުރެވުނު ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހެލްތް، ޑރ. އަބްދުاللّٰه ޚަލީލާއެކު ބޭއްވުނު ބައްދަލުވުމުގައި ފޮއްދޫ ސިއްޙީ މަރުކަޒުގެ އާއިމާރާތުގެ މަސައްކަތް އަވަސްކުރުމާއި، މަރުކަޒަށް ބޭނުންވާ އީސީޖީ މެޝިނެއް ވީހާވެސް އަވަހަށް ފޮނުވައިދިނުމާއި، ޅޮހީގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު މުވައްޒަފުން ނެގުމާއި… pic.twitter.com/cStVh1l2RZ
— Mohamed Abbas (@Abbasvelidhoo) May 14, 2024
މީގެ ކުރިން އެކްސްގައި އައްބާސް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން މާލެއަށް ގުޅަވުން ނިމުމަކަށް އަންނާނީ ރާއްޖެތެރޭގައި ހެދިފައި ހުރި ހެލްތު ސެންޓަރތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލް ތަކުގެ ހާލަތު މިހާރަށް ވުރެ ރަގަޅުކޮށް، އެތަން ތަނުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން ކަމުގައެވެ.
"ރާއްޖެ ތެރޭ ރައްޔިތުން ބޭސްފަރުވާ އަށް ކުރަންޖެހޭ ހޭދަ، ގަޑަ ތެޅުން ނިމުމަކަށް އަންނަންޖެހޭ! މިކަމަށް ދާއިމީ ހައްލު މަޖުލީސް ތެރެއިން ހައްލު ހޯދަން ޖެހޭ!" އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުން މާލެއަށް ގުޅަވުން ނިމުމަކަށް އަންނާނީ ރާއްޖެތެރޭގައި ހެދިފައި ހުރި ހެލްތު ސެންޓަރ ތަކާއި، އަތޮޅު ހޮސްޕިޓަލް ތަކާއި، ރީޖަނަލް ހޮސްޕިޓަލް ތަކުގެ ހާލަތު މިހާރައް ވުރެ ރަގަޅުކޮށް،އެތަން ތަނުން ރައްޔިތުންއަށް ދެވޭ ޚިދުމަތުގެ ފެނަވަރު ރަގަޅުކޮށްގެން!ރާއްޖެ ތެރޭ ރައްޔިތުން…
— Mohamed Abbas (@Abbasvelidhoo) May 12, 2024
ވެލިދޫ ދާއިރާގެ ތިން ރަށުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށްޓަކައި އިންތިޚާބީ މެންބަރު މުޙައްމަދު އައްބާސް ގެންދަވާނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަމުންނެވެ.