12 ފެބުރުވަރީ 2025

ފައިސާ ޗާޕުނުކޮށް، އިޤްތިޞާދުގެ މިސްރާބު ހަމަމަގަށް

މި ސަރުކާރުގެ އަމާޒު

ޤައުމުގެ އިޤްތިޞާދު އޮތް ދަށް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، މި ސަރުކާރުން މަސައްކަތްކުރަނީ، ފައިސާ ޗާޕުނުކޮށް އިތުރަށް ރުފިޔާގެ އަގު ވައްޓައިނުލާ، އިޤްތިޞާދު ވަރުގަދަކުރުމަށް ކަމުގައެވެ. އެގޮތުން "ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ޙައްލެއް ނޫން)" ކަމަށާއި، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރުމަށް ބޭނުންވާނަމަ ފައިސާ ޗާޕު ނުކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރުން ކުންފުނިތައް ވަރުގަދަކުރުމަށާއި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރައްވައެވެ. ހަމަ އެއާއެކު ޤައުމަށް ފައިސާ ވަންނާނެ ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމުގައިވެސް ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ފާހަގަކުރާ ކަންކަން

ފައިސާ ޗާޕުކުރުން ހުއްޓާލައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން މަރުހަބާ ކިޔައި ތައުރީފްކޮށްފިއެވެ. މާލީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އައިއެމްއެފުން ފާހަގަކޮށްފައިވަނީ ރާއްޖޭގެ މާލީ ހާލަތު ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދިޔަ "އާޓިކަލް ފޯ" ކޮންސަލްޓޭޝަނަށްފަހު ނެރުނު ނޫސް ބަޔާނުގައެވެ.

އައިއެމްއެފުގެ އެގްޒެކްޓިވް ބޯޑުން ނެރެފައިވާ ނޫސް ބަޔާނުގައިވަނީ 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދަށް 13.9 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ކުރިއެރުމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންކަން އައިއެމްއެފުން ފާހަގަކުރެއެވެ.

އެ އިދާރާއިން ލަފާކުރާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ހުރީ 4.4 އިންސައްތައިގައެވެ. އަދި މި އަދަދު މިއަހަރު ނިމޭއިރު މި އަދަދު 5.2 އިންސައްތައަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަމިނަލް ބޭނުންކުރަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޤައުމީ އުފެއްދުންތެރިކަން މި އަދަދަށްވުރެ އިތުރުވުން އެކަށީގެންވާކަމަށްވެސް އައިއެމްއެފުން ލަފާކުރެއެވެ.

މިދިޔަ އަހަރު ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 589 މިލިއަން ޑޮލަރު ނުވަތަ 9.1 ބިލިއަން ރުފިޔާއެވެ. އައިއެމްއެފްއިން ވިދާޅުވި ގޮތުގައި އެއީ ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް އެތެރެކުރެވޭނެ މިންވަރެކެވެ.

އައިއެމްއެފުން ވިދާޅުވީ ދައުލަތުގެ ދަރަނި މިދިޔަ އަހަރުތެރޭ އިތުރުވެފައިވާތީ ރާއްޖޭގެ އިޤްތިސާދު އޮތީ ނާޒުކު ފައްތަރެެއްގައިކަމަށާއި، މާލީ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ފިޔަވަޅުތައް އަވަސްކުރުން މުހިއްމުކަން އައިއެމްއެފްއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުކުރާ ޤައުމަކަށްވާއިރު، ރަށްރަށުގައި ފެންބޮޑުވުން ފަދަ ހާދިސާތައް އިތުރުވެ، މިކަމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހޭދަތައް އިތުރުވާނެކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ.

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމަށްވެސް އައިއެމްއެފުން ވަނީ ލަފާދީފައެވެ. އައިއެމްއެފްގެ ނޫސްބަޔާނުގައި ފައިސާ ޗާޕުކުރުން ހުއްޓާލައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔައި ރިފޯމްގެ މަސައްކަތްތައް އަވަހަށް ތަންފީޒްކުރުމަށް ވަނީ ބާރު އަޅާފައެވެ. އެގޮތުން ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށް، ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުކޮށް، ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކުުރުމަށް މަސައްކަތްކުރުމަށް އައިއެމްއެފްގެ އެގްޒެގެޓިވް ބޯޑުން ވަނީ ލަފާދީފައެވެ.

ސަރުކާރު، އިޤްތިޞާދުގައި ބުންވަރު ޖެއްސުމުގެ އަމާޒަށް

ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅުއްވި އެންމެ މުހިންމު ފިޔަވަޅެވެ.

ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަމުގައި ވިދާޅުވެ، އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ޤައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމުގައި ރައީސް މުޢިއްޒު ވިދާޅުވެއެވެ.

މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވެފައެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނަކަން ރައީސް ފާހަގަކުރައްވައެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއެވެ.

ރާއްޖޭގެ އިޤުތިޞާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިޤުތިޞާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ޤައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ.

މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތައްވެސް ކުރިއަށްގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާގޮތަށްކަން ރައީސް ފާހަގަކުރައްވައެވެ. އަދި މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތަށް ބަލައި އެންމެ އިސްކަންދޭ ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު