މާލެ ސަރަޙައްދުގައި 7 ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރަން ޚާއްސަ އަގުތަކެއް ކަނޑައަޅައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، "ވޭނު" ނުވަތަ 7 ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކުގައި ކުރާ ދަތުރުތަކަށް ކަނޑައެޅިގެން ވަކި އަގުތަކެއް މީގެ ކުރިން ހަމަޖައްސާފައެއް ނުވެއެވެ.
މިހާރު ޤަވައިދުގެ ތެރެއިން ވަކި އަގުތަކަށް ކަނޑައަޅާފައިވަނީ ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން އެ އަގުތަކަށް ދަތުރުކުރަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.
އެގޮތުން 7 އާއި 10 ދެމެދުގެ އުޅަނދުތަކުގައި މާލެ، ހުޅުމާލެ ފުރަތަމަ ފިޔަވެއްސާއި ދެވަނަ ފިޔަވަހީގެ އެތެރޭގައި ދަތުރުކުރެވޭނީ 45 ރުފިޔާއަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މާލެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ކުރާ ދަތުރަކަށް 130 ރުފިޔާ ކަނޑައަޅާފައިވާއިރު މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރުގެ އަގަކަށް ކަނޑައަޅާފައިވަނީ 155 ރުފިޔާއެވެ. އަދި މޭލެއިން އެއަޕޯޓަށް ކުރާ ދަތުރުގެ އަގަކީ 110 ރުފިޔާއެވެ.
އެ ވުޒާރާއިން ކަނޑައަޅުއްވާފައިވާ އަގުތަކަށް ބަލާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދުގައި ކުރާ ދަތުރަކަށް ނެގޭނީ 60 ރުފިޔާކަމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއަޕޯޓަށް ކުރާ ދަތުރަކަށް ނެގޭނީ 125 ރުފިޔާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް ދަތުރުކުރެވެނެކަމަށް ކަނޑައަޅާފައިވަނީ 130 ރުފިޔާއަށެވެ.
އެ ވުޒާރާއިން ވަނީ ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ދަތުރުތަކުން، އެއަރޕޯޓްއަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 6 ސީޓަށް ވުރެ ދަށުގެ އުޅަނދުތަކަށް 10 ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސާފައެވެ. އަދި 7 އާއި 10 ސީޓުގެ އުޅަނދުތަކަށް އިތުރަށް 15 ރުފިޔާ ނެގޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން މިހާރު ވަނީ ޓެކްސީތަކަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖްއަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސާފައެވެ.
7 އާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކުގެ ދަތުރުތަކަށް އަގު ކަނޑައަޅާފައިވާއިރު 6 ސީޓަށް ވުރެ ދަށުގެ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ އަގުތައް ހުރީ 2022 ވަނަ އަހަރު ކަނޑައެޅި އަގުތަކާ އެއްގޮތަށެވެ.
ޓެކްސީ ކުރުމުގެ އަގުތަށް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަޙައްދާއި ޕެޓްރޯލް ޚަރަދާއި އެފަދަ ކަންކަމަށް ރިޔާއަތްކޮށް ޓޭކްސީ ޑްރައިވަރުންނާއި ޚިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ބުރުނާރާނެ ގޮތަށްކަމަށާއި، އަދި ކަނޑައަޅާފައިވާ އަގުތަކަށް ޓެކްސީގެ ޚދުމަތް ދެ ފާރާތްތަކުން އަމަލު ކުރޭތޯ ފުލުހުންނާއި ގުޅުގެން ގާތުން ބަލަމުންދާނެކަމަށާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްއާ ގުޅިގެން ޓެކްސީތަކުގެ އަގުތައް ފެންނާނެފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.