Thursday, 20 June 2024
ފައިލް ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

2027 ވަނަ އަހަރު ނިމޭއިރު، ފަތުރުވެރިިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އަރާނެ: ވަޒީރު

2027 ވަނަ އަހަރު ނިމޭއިރު ފަތުރުވެރިކަމުގެ ސިނާއަތުން އެކަނިވެސް ދައުލަތުގެ ބަޖެޓަށް 6 ބިލިޔަން ޑޮލަރު ލިބިގެންދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފައިޞަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން ހެލްތު، ސްޕޯޓްސް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ކުރިއަރުވަން ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އުފެއްދުންތައް އެ ދާއިރާއަށް ތައާރަފްކޮށް އެކަމުގެ ފީސިބިލިޓީ ހެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ މަޝްރޫއުތައް ކުރިޔަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ދައުލަތުގެ ބަޖެޓަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބެނީ އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ކަމަށާއި އެ އަދަދު ކުރިޔަށް އޮތް 4 އަހަރުތެރޭ އިތުރުވެގެން ދާނެ ކަމަށާއި، 2027 ނިމޭއިރު ދައުލަތުގެ ބަޖެޓަށް 6 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯއްދަވައިދެއްވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފިނަމަވެސް މި 5 އަހަރުގެ ތެރޭ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 4 މިލިޔަނާ ގާތަށް ދާނެކަމަށް އުންމީދުކުރާއްވާކަމަށާއި، ޚާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ އައު ޓަމިނަލް ބޭނުންކުރަން ފަށައި އިތުރު ރިސޯޓްތައް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް މިއަހަރު 2 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 8 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2 އަހަރާއި އަޅާބަލާއިރުވެސް މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6338 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއިން ދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ އެވޯޑްތަކެއް ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެއިން ވަނީ ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ޙާސިލްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު