Saturday, 22 June 2024
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަދައްކަވަނީ. ފޮޓޯ: މިހާރު

ފަތުރުވެރިކަމުގެ މަތީ މަގާމުތަކަށް ދިވެހިން ގެންނާނަން: ވަޒީރު

ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާޙް ގެނެސްގެން ނަމަވެސް ދާއިރާގެ މަތީ މަޤާމުތައް ދިވެހިންނަށް ހޯއްދަވައިދެއްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ ކޮންމެ ކަމަކީ ޤާނޫނަކުން ނުވަތަ ޤަވައިދަކުން ކުރަން ވެއްޖެނަމަ އެއީ އެންމެ އެދެވޭ ގޮތް ކަމަށް ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް ދާއިރާގެ އިސް އަދި މުހިންމު މަގާމުތަކަށް ދިވެހިން ގެނެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ވަޒިރު ވިދާޅުވިއެވެ.

އެފަދަ މަގާމުތަކަށް ދިވެހިން ގެނެސް ފަތުރުވެރިކަމުގެ ދާއިރާ ދިވެހިން ލީޑުކުރާ މަންޒަރު ފެނުމަކީ ހަމައެކަނި އެމަނިކުފާނުގެ ހުވަފެނެއް ނޫން ކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އަދި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބޭނުންފުޅުވާ ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤާނޫނުގެ ތެރެއިންނާއި ސްކޮލަޝިޕްތަކާއި ފުރުޞަތުތައް ހޯދައދީގެން ރިސޯޓްތަކުގެ އިސްމަޤާމުތަކަށް ދިވެހިން ގެނައުމަކީ އަމާޒެއްކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ހުރި ފަހި ފުރުސަތުތައް ހޯދައި ދިނުމަށް ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 58،089 މީހުން އަންނަނީ މަސައްކަތް ކުރަމުން ކަމާއި، މީގެތެރެއިން %40 އަކީ ދިވެހިން ކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ ޖުމްލަ އަދަދަކީ 22،337 ކަމާއި، އަދި 35،000 އަށްވުރެ ގިނަ ބިދޭސީން މި ސިނާއަތުގައި ހަރަކާތްތެރިވާ ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކާއެވެ.

ރާއްޖެއަށް މިއަހަރު 2 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 8 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2 އަހަރާއި އަޅާބަލާއިރުވެސް މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6338 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ގުޅުންހުރި:

2027 ވަނަ އަހަރު ނިމޭއިރު، ފަތުރުވެރިިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އަރާނެ: ވަޒީރު

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު