ގއ. ވިލިނގިލީގައި ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ މުއައްސަސާއިން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން، އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ބަލަން ފަށާފައިވާކަމުގައެވެ.
ބުޅަލަށް އަނިޔާކުރުމަށްފަހު އެސޮރު އަތުކޮޅަށް ހޫރާލާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް އާންމު ރައްޔިތަކު ވަނީ، އެ އަމަލު ހިންގި މީހާއާއި އެ ވީޑިއޯ ރިކޯޑުކޮށް މީސްމީޑިއާގައި އާންމުކުރި މީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެ މީހާ ބުނި ގޮތުގައި ވީޑިއޯ ރިކޯޑުކޮށްފައި ވަނީ ފުލުހެކެވެ. މިފަދަ މައްސަލަތަކަށް ފުލުހުން މާބޮޑު ސަމާލުކަމެއް ނުދޭކަމަށް އެމީހާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އާންމުކޮށްފައިވާ ވީޑިއޯއިން ފުރަތަަ ފެންނަނީ ފިރިހެނަކު ބުޅަލެއްގެ އަތުގައި ހިފައި ހިއްލާލައިގެން އަންނަ ތަނެވެ. ފަހުން އެ ސޮރުގެ ދެ އަތުގައި ހިފައި ވަރަށް އުސް ފާރެއްގެ މަތިން އަނެއްކޮޅަށް ހޫރާލާތަން ފެނެއެވެ.
މި ޕޯސްޓު ރިޓުވީޓު ކުރައްވައި ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ގއ. ވިލިނގިލި ޕޮލިސް އިން މިކަން ތަހުގީގުކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި، ބުޅަލަށް އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މާލެ ތެރޭގައި އުޅޭ ވަގު ބުޅާތައް މަރާ ސީރިއަލް ގާތިލެއް އުޅޭ މައްސަލައެއް 2019 ވަނަ އަހަރު ފެންމަތިވިއެވެ.