ކުޑަކުއްޖާ ހޮސްޕީޓަލަށް ގެންދަން އެހީވި ކޯޕްރަލް މުހައްމަދު ހިޝާމް އަހުމަދު

ސްޓެލްކޯ ގެ މުވައްޒަފެއްގެ ދަރިފުޅު ސަލާމަތްކުރުމުގައި އެހީތެރިވި ސިފައިންގެ މީހާއަށް އެކުންފުނިން ޝުކުރު އަދާކޮށްފި

ސްޓެލްކޯގެ މުވައްޒަފެއްގެ ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އެހީވި ސިފައިންގެ މީހާއަށް އެކުންފުނިން ޝުކުރު އަދާކޮށްފިއެވެ.

ސްޓެލްކޯއިން ވިދާޅުވެފައި ވަނީ، އެކުންފުނީގެ މުވައްޒަފެއްގެ ދަރިފުޅަށް ފިޓު ޖެހުމާއި ގުޅިގެން އަވަސްފަރުވާދީ، އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލު ދެއްކެވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޯޕްރަލް މުޙައްމަދު ހިޝާމް އަޙުމަދަށް ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ސާބަސްދީ ޝުކުރު އަދާކުރާ ކަމަށެވެ.

ސިފައިންގެ މީހާ ސްޓެލްކޯގް މުވައްޒަފުގެ ދަރިފުޅު ހޮސްޕޓަލަށް ގެންދަން އެހީތެރިވެފައިވަނީ، މި މަހުގެ އަށް ވަނަ ދުވަހުއެވެ. މި ހާދިސާ ގައި އެހީވި ސިފައިންގެ މީހާއަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ، ދަރިފުޅު ފިޓު ޖެހުނުއިރު ގޭގައި ހުރީ އޭނާގެ އަންހެނުން އެކަނި ކަމަށެވެ. އަދި އަންހެންނުން ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އުރާލައިގެން މަގުމަތީގައި ހުއްޓާ ސިފައިންގެ މީހާއަށް އެމަންޒަރު ފެނިގެން، އެމީހުން ކައިރިޔަށް ގޮސް ކުއްޖާ އޭޑީކޭ ހޮސްޕިޓަަލަށް ގެންދަން އެހީތެރިވިކަމަށެވެ.

ސްޓްގާޑުގެ ކޯޕްރަލް މުހައްމަދު ހިޝާމް އަހުމަދަށް އެ މަންޒަރު ފެނުމުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. ފިޓު ޖެހުނު ކުޑަކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި ކޯޕްރަލް ހިޝާމް ވަނީ އެ ކުއްޖާގެ މަންމަ އަތުން ދަރިފުޅު ނަގައި، އޭނާގެ އަތްދަނޑި މަތީގައި ބާއްވައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދީފައެވެ.

މިކަމާ ގުޅިގެން ހިޝާމްއަށް ސޯޝަލް މީޑިއާގައި އާންމުން ދަނީ ތައުރީފު ކުރަމުންނެވެ. އަދި އޭނާގެ އިތުރުން އެމްއެންޑީއެފްއަށް ވެސް އެކަމުގެ ޝުކުރު އަދާކުރަމުންދާއިރު، ހިޔާލު ފާޅު ކުރި މީހަކު ބުނީ، ކޯސްޓްގާޑުގެ ޔުނީފޯމު އެޅޭނީ އެފަދަ "ގަޓު ހުންނަ" މީހުންނަށް ކަމަށެވެ.

މީގެ ކުރިން، ކޮޑިވްގެ ތެރޭގައި ފުލުހަކު ހާލު ބޮޑުވި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ސަލާމަތް ކުރަން ހެންވޭރު ދަނޑު ކައިރިން އުރާލައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދިނުމުން ވެސް ގިނަ ބަޔަކު ތައުރީފު ކުރިއެެވެ. އަދި ފުލުހުންގެ ހިދުމަތުން އެ ފުލުސް އޮފިސަރުގެ އަގު ވަޒަން ވެސް ކުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ