ރައީސް މުއިއްޒު، ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާނާ މިއަދު ބައްދަލުކުރައްވަނީ, ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒު، ސައުދީ ފަންޑުގެ ވެރިޔާއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްޠާން ޢަބްދުއްރަހްމާން އަލްމަރްޝާދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް މެދުނުކެނޑި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާދިފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި އުމްރާ ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް ދެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ.

މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު މިހާރު އޮތް ގުޅުން ވަރުގަދަކުުރުމުގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ މަޝްރޫޢޫތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ސައުދީ ފަންޑުގެ ސީއީއޯ އާއި އެ ފަންޑުގެ ވެރިން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފިނޭންސް މިނިސްޓްރީގައި ވެސް މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގި މަޝްރޫއުތަކެއް މިއަދު އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވިއިރު، ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ހަފްތާގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މެހެމާންދާރީގައި، ސައުދީއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އޭގެ ކުރިން، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައޫދީ އަށް ކުރެއްވި ދަތުރުގައި ވެސް ސައޫދީ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރެއްވިއެވެ.

ސައުދީ ފަންޑުގެ އެހީގައި މިހާރު ވެސް ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގައެވެ. އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ކުރިއަށް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު