ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަދޭ ބްރިޖްތަކުގެ މަސައްކަތް ނިމުން ފާހަގަކޮށްފި

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމަށް ކުރިއަށްގެންދިޔަ ބްރިޖް މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ،

މި މަޝްރޫޢުގެ ބްރިޖުތައް އިފްތިތާހުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޚާއްސަ ވަފުދާއި މާލީ ވަޒީރު މުޙައްމަދު ޝަފީޤް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިތުރުން، ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ ޢުމްރާނީ މަސައްކަތްތަކަށް ސަޢުދީ ފަންޑުން 80 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމަށް ތަރައްޤީކުރި 4 ބްރިޖްގެ މަސައްކަތާ، ބްރިޖް ދަށުން ހަދާފައިވާ ޗެނަލްގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހިން ބައެއްގެ ބަނދަރު ސަރަޙައްދު ތަރައްޤީކުރުމާއި ދެވަނަ ފިޔަވަހީގެ އިޤްތިޞާދީ ސަރަޙައްދު ގުޅުވާލަދޭ ސަރަޙައްދުގައި ހަދާފައިވާ ބްރިޖްއާއި ޗެނަލްގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްވަމުން ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދު ވިދާޅުވީ ސަޢުދީއާއި ރާއްޖެއާ އޮތް ގާތް ގުޅުމުގެ ތެރެއިން މިހާތަނަށް 16 ލޯނު އެއްބަސްވުމެއްގެ ދަށުން، 470 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށެވެ.

ހުޅުމާލޭ ބްރިޖްތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަކީވެސް 80 މިލިއަން ޑޮލަރުގެ އެހީއެއްކަން ފާހަގަކުރައްވަމުން ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން އެހީތެރިވެދެއްވާނެކަމަށެވެ. އަދި ޢުމްރާނީ ތަރައްޤީގެ މަސައްކަތަކާއެކު، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިއެރުން ހޯއްދައިދިނުމަށް ސަޢުދީ ފަންޑުން އަބަދުވެސް އެހީތެރިކަން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ވަނީ، ރާއްޖެއިން ދެއްވި ދަޢުވަތު ޤަބޫލުކުރައްވާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅައްޓަކާ ސަޢުދީ ފަންޑުގެ ސީއީއޯއަށް ޝުކުރު ދަންނަވާފައެވެ.
އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި އާބާދުވަމުންދާ މީހުންނަށް ބޮޑު ފަސޭހައަކާއި ހިތްހަމަޖެހޭ މާޙައުލެއް ޤާއިމްކުރެވޭނެކަމަށެވެ.

އަދި ދަތުރުފަތުރުކުރުމަށް ލިބުނު ލުއިފަސޭހައިގެ އިތުރުން މި މަސައްކަތް ވެގެންދަނީ ހުޅުމާލެއަށް އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން އިތުރު ކުރިއެރުން ލިބޭނެ މަޝްރޫޢުއަކަށްކަމަށް ފަޒުލް ވިދާޅުވިއެވެ.

ސަޢުދީއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1978 ވަނަ އަހަރުއެވެ. އަދި އެ ގުޅުމުގެ ތެރެއިން މިހާތަނަށް ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަކުން ޢުމްރާނީ ވަސީލަތާއި އިންސާނީ ވަސީލަތް ހަރުދަނާކުރުމަށް ގިނަ އެހީތަކެއް ސައުދީން ވަނީ ފޯރުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު