25 ޖަނަވަރީ 2025
ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީޚާއި ތަރިކައާ ބެހޭ މަޢޫލޫމާތު ހޯދުމަށް މަޝްވަރާކުރެއްވުން، ފޮޓޯ" ހެރިޓޭޖް މިނިސްޓްރީ

ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީޚާއި ތަރިކައާ ބެހޭ މަޢޫލޫމާތު ހޯދުމަށް މަޝްވަރާ ކުރައްވައިފި

ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީޚާއި ތަރިކައާ ބެހޭ މަޢޫލޫމާތު ހޯދުމަށް އެޤައުމުގެ ތަރީޚާއި ސަގާފަތް ދިރާސާ ކުރުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮބަރޓް ޑީ ޖިއާކޯމޯ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި, ޕޯޗުގީޒުގައި ހުރި ދިވެހީންގެ ތާރީޚާއި ދިވެހީންގެ ދިރިއުޅުމާ ގުޅިފައި ހުރި ތަރިކަތަކުގެ މައުލޫމާތު ހޯދުން ހިމެނެއެވެ. މިގޮތުން, ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި, ޕޯޗުގީޒުން ލިޔެފައިވާ ދިވެހީންނާ ބެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ހޯދުންވެސް ހިމެނެއެވެ.

ރޮބަރޓް ފާހަގަކުރެއްވި ގޮތުގައި އޭނާގެ ފަހުގެ ގިނަ މަސައްކަތްތައް ޚާއްސަވެފައިވަނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތާރީޚާއި ސަގާފަތާއި ތަރިކަތައް ދިރާސާކޮށް, އެ ޤައުމުތަކުގެ ތާރީޚީ ސަގާފަތަށް ޤާނޫނީ ގޮތުން ރައްކާތެރިކަން ހޯދައިދިނުމުގެ ދާއިރާއިން ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ދުވަސްވީ ވަޒަންވެރިކަމަކާއި ސަގާފަތެއް އޮތް ޤައުމެއްގެ ތަރިކަ މުއްސަނދި ކުރުމަށް ޝައުޤު ހުރި މިންވަރު އޭނާ ހާމަކުރެއްވިއެވެ. އެޤައުމުގެ މީހުންނާއި ދިވެހިންނާ ގުޅުން ހުރި ޙާދިސާތައް ހިމެނޭ ފޮތްތައް ޕޯޗުގީޒް އަރުޝީފުތަކުގައި ހުރި ކަމާއި, ދިވެހިން ބޭނުންކޮށް އުޅުނު ގަހަނާ އެޤައުމުގެ ދާރުލްއާސާރުގައި މިހާރުވެސް ފެންނަން ހުރިކަން ރޮބާރޓް ވަނީ ފާހަގަކުރައްވާފައެވެ.

ތަރިކަ ރައްކާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހުރި ގޮންޖެހުންތަކާއި, އެކަންކަމުން އަރައިގަނެ ބަވަނަވަމުންދާ ދުނިޔެއެއްގައި އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ހިމާޔަތްކުރުމުގެ މުހިންމުކަމަށް ވެސް އޭނާ ވަނީ ޢިލްމީ ތަޖުރިބާ އިން ވާހަކަދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ވަޒީރު އާދަމް ނަސީރު އަރިހުގައި ރޮބާރޓް ވަނީ ކަޅުއޮށްފުންމިގެ ނަކަލްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން އެ އޮޑި ބައްލަވާލައްވާފައެވެ.

މީލާދީން 1558 އިން 1573 އަށް ދިވެހިރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައެވެ. މި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި ( ބޮޑުތަކުރުފާނު ), އެރަދުންގެ އަޚުންނާއި ބައެއް އެކުވެރީން އިސްވެއެވެ. ކޮންމެ ހިޖްރީ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 01 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިރާއްޖެ ސަލާމަތްކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައު ކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު