ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްޤީ ކުރުން ރޭވިފައިވާތީ، އެ ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން އަންގައިފިއެެވެ.
އެޗްޑީސީ އިން ވިދާޅުވީ، ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 31 މެއި ގެ ނިޔަލަށް، މި ކޯޕަރޭޝަންގެ އިރުޝާދުގެ ދަށުން، ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަކުރަން އަންގަވާފައިވާނެ ކަމުގައެވެ. މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށާއި، ނަމަވެސް މި ތަނަކީ އަދި ތަރައްޤީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީ އިން ވިދާޅުވެއެވެ.
މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީ އިން ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރެއެވެ.