ޒަކާތް ދިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެއް ކަމަށާއި، ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މުދަލު ޒަކާތް" މި މައުޟޫއުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، މާތް الله އަހަރެމެން އިންސާނުންނަށް ވަނީ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ދެއްވާފައިވާ ކަމަށާއި، މީގެތެރެއިން މުދާވެރިކަމާއި ތަނަވަސް ކަމަކީ، މާތް الله އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެއް ކަމުގައެވެ.
"މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް الله އެވެ. އެހެންކަމުން، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން، އެމުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، اللهގެ މަގުގައި ހޭދަކުރަން ޖެހެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ޒަކާތް ދިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެއް ކަމުގައި ޙުޠުބާގައި ފާހަގަކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވީ، ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމުގައެވެ.
މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން ކަން ފާހަގަކުރައްވަމުން، މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރަން ޖެހޭ ކަމަށާއި، ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
"މާތް الله ގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމީ ކުރަންޖެހޭ ކަންކަމެވެ. މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެއެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ވީމާ، މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް ނަސޭހަތްތެރިވިއެވެ.
ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާ ކަން ފާހަގަކުރައްވަމުން، ޒަކާތް ދެއްކުމަށް އިންކާރުކޮށް، ޒަކާތް ދެއްކުމަށް ދެކޮޅު ހެދި މީހުންނާ ބެހޭގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވާ، "الله ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ މުދަލުން އަދާކުރަންޖެހޭ ޙައްޤެކެވެ." މި ބަސްފުޅު ހަނދުމަކޮށްދެއްވިއެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައެވެ. އެހެންކަމުން މަދުމީހަކު މެނުވީ ފިޠުރު ޒަކާތް ދައްކައެވެ. ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަނގަ ކުރެވެއެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެކެވެ. ނުވަތަ ކުށްހީއެކެވެ. އެހެނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކީ މުދަލު ޒަކާތެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތެވެ. ފިޠުރު ޒަކާތަކީ ވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެ ކަން ފާހަގަކުރެއްވިއެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ކަމަށާއި، މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭކަން ކަށަވަރެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާނެއެވެ. އެބައިމީހުންގެ މެދުގައި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެއެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އަދި، ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި އަތްމަތި ދަތިމީހުންނާއި، މިހުރިހާ އެންމެން ދެއަތް އުފުލައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށް ހެޔޮ ދުޢާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި الله ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެ ކަން ޚުތުބާގައި ވިދާޅުވިއެވެ.