2023 ވަނަ އަހަރަށް ކަޅިއެއް
2023 ވަނަ އަހަރުގެ އިޤްތިސާދީ ކުރިއެރުން ލަފާކުރި މިންވަރަށްވުރެ ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައު ފާހަގަކޮށްފައިވެއެވެ. އެމްއެމްއޭގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި އިގްތިސާދީ ކުރިއެރުވުން ވަނީ ލަފާކުރި ވަރަށްވުރެ 4.7 ޕަސެންޓު ދަށަށް ގޮސްފައެވެ. އިޤްތިސާދީ ދުވެލި ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާ އިން ލަފާކުރި ވަރުގެ ކުރިއެރުމެއް ނުލިބުމުގެ ސަބަބުން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިޤްތިސާދީ ކުރިއެރުވުން ދަށަށް ދިޔައީ ފަތުރުވެރިން ރާއްޖޭގައި ހެދަކުރާ މުއްދަތު ކުރުވުމުގެ ސަބަބުންނެވެ. މި އަދަދު ވަނީ 2 އިންސައްތަ ދަށަށް ގޮސްފައެވެ. ފަތުރުވެރިން އެ ދުވަސްވަރު ރާއްޖޭގައި ހޭދަކުރަނީ 7 އަކާއި 8 އަކާއި ދެމެދު ދުވަހެވެ. 2023 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާ މުޅި ޖުމްލަ އާމްދަނީވެސް ދަށަށް ގޮސްފައިވާކަން ފާހަގަކުރެއެވެ.
2023 ވަނަ އަހަރު އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރީ 8.1 އިންސައްތައިންކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓުން ދައްކައެވެ. 2023 ވަނަ އަހަރު އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފަވަނީ 3.3 އިންސައްތައިގައެވެ. ނަމަވެސް އެމްއެމްއޭއިން ލަފާކުރީ 5.5 އިންސައްތައިގައި ކުރިއަރާނެކަމަށެވެ.
މި ސަރުކާރު ޙަވާލުވިއިރު އޮތް ދަރަނި ދަންތުރައެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުމެވެ. ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރުމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ޚަރަދުތައް ނުކުރެވި، ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ.
މި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެއްވީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށެވެ. މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ޤައުމުގެ އިޤްތިޞާދީ ލޭނާރު ޙިމާޔަތް ކުރުމަށް ކަމަށް މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހު ރައީސް ވިދާޅުވިއެވެ.
އިޤްތިޞާދުގައި ހަކަތަ އުފައްދަނީ މަސައްކަތްތެރީން
"ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ ޢިނާޔަތްތައް އިތުރުކޮށްދޭން އަޅުގަނޑުމެން މިހާރު ވާނީ ފަށައިފައެވެ." މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން، ރައީސް ވިދާޅުވެފައިވަނީ، ޤައުމުގެ އިޤްތިޞާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ޙައްލެއް ނޫނެވެ. މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ ކަމުގައެވެ.
ޤައުމެއްގެ އިޤްތިޞާދުގެ އިންޖީނުގައި ހަކަތަ އުފައްދަނީ އެ ގައުމެއްގެ މަސައްކަތްތެރި އަތްތަކެވެ. އެހެންކަމުން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެބައިމީހުންގެ ކުރިއެރުމަށް މިސަރުކާރުން އަޅުއްވަން ފައްޓަވާފައިވާ ފިޔަވަޅުތަކަމާދު ތާރީފް ޙައްޤެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ޚާއްޞަ ސްކީމްތައް ތަޢާރަފްކުރުން މުހިންމެވެ. މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ.
އިޤްތިޞާދުގައި ބުންވަރު ޖެއްސުމަށްޓަކައި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިގެންފައެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ޙައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ޤާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެންކަން މި ސަރުކާރުން ދެކެއެވެ.
ދިވެހިރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ޚިދުމަތް ފަދަ ކަންކަން ތަޢާރުފުކޮށް، ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެއެވެ. އަދި ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެއެވެ. މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.
ޑޮލަރުގެ ރޭޓް ހަމަ މަގަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ޑޮލަރު ރޭޓު ހަމައަކަށް އެޅެން ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ. ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއޮތް އިޤްތިޞާދީ ނުރައްކާތެރި ޙާލަތު މިހާރު ބަދަލުވަމުންދާކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު ބާރަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ސީދާ އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި، ރަމަޟާންމަހާއި، ޢުމްރާގެ އަޅުކަމާއި، އިމްޕޯޓަށް އައި އިތުރުވުމާއެކުވެސް ޑޮލަރު ރޭޓް ހަމައަކަށް އެޅެން ފަށާފައިވާކަން ފާހަގަކުރައްވައި، އިތުރު ފިޔަވަޅުތަކާއެކު ކުރިއަށް އޮތްތާނގައި މި ރޭޓު މިއަށްވުރެއްވެސް ދަށްވާނެކަމަށް އަންދާޒާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރަމުން ދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކުރުމެވެ. އަަދި އެ ފަންޑަކީ ރާއްޖޭގެ ދަރަނި އަދާކުރުމަށް ފައިސާ ޖަމާކުރަމުންދިޔަ ފަންޑެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ފައިސާ ޗާޕް ނުކޮށް ދެމެހެއްޓެނިވި އިޤްތިޞާދަށް
ޑޮލަރުގެ ދަތިކަން ޙައްލުކޮށް "އެކްސްޗޭންޖް ރޭޓް" މިއަހަރުގެ ތެރޭގައި ހަމައަކަށް އަޅުވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ފުޅާކުރައްވަމުން ގެންދަވާނީ، ފައިސާ ޗާޕްނުކޮށް، ދަރަނިވެސް ދައްކަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ވޭތުވެދިޔަ 3 އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.
އިިޤްތިޞާދު ހަރުދަނާ ކުރުމަށް އެޅުއްވި ފިޔަވަޅުތަކުން، މި ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސްފައެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އެކަން ކުރުމަށް ޤާނޫނަށް ގެނައި އިޞްލާހު އައު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.
"ނަތީޖާ ރަނގަޅުވާނެ. އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި މި ފެށި މަސައްކަތުން ރައްޔިތުންނަށް ދައްކަން ހުރި ފައިސާ އަޅުގަނޑުމެން ދައްކަމުން، ބޭރަށް ދައްކަންހުރި ފައިސާ ދައްކަމުން، ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައިގެން ކުރިއަށް މިގެންދަނީ." ރައީސް ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ފުރަތަމަ 4 މަހު ދަޢުލަތަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް، މިއީ %4.2 ކުރިއެރުމެއް
މިއަހަރުގެ ފުރަތަމަ 4 މަސްތެރޭ ދައުލަތަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. މާލީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 4.2 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސް ދުވަސްތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 12.4 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 2 ބިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 77.4 މިލިއަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ ޚަރަދުތައް ވަނީ ކުޑަކުރެވިފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 14.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވެފައިވާ 16.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެއްކަން ފާހަގަކުރެވެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ހަމަސް ފުރުނީއެވެ. ރައީސް ޑރ. މުޢިއްޒު ދެއްވަނީ އުއްމީދެވެ. އެ އުއްމީދުގެ މައްޗަށް ކުރެވޭ މަސައްކަތުގެ ހެޔޮ ނަތީޖާ މިދަނީ ފެންނަމުންނެވެ. މިވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދުގައި ވަނީ ބުންވަރުޖެހެން ފަށާފައެވެ.