Saturday, 15 June 2024

ކުޅުދުއްފުށްޓާއި އައްޑޫގައި ބްލަޑް ބޭންކް މިއަހަރު ޤާއިމްކުރަނީ

ބްލަޑް ބޭންކު، ކުޅުދުއްފުށްޓާއި އައްޑޫގައި މިއަހަރު ޤާއިމްކުރެވޭނެ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޞިއްޙީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ

ލެއާ ގުޅޭ ހުރިހާ ޚިދުމަތްތައް ހިމެނޭހެން "ފުލް ފްލެޖްޑް" ބުލަޑް ބޭންކް ޤާއިމުކުރުމާ ގުޅޭގޮތުން، ޑރ. ޚަލީލް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކުތައް އެބަހުރި ކަމަށެވެ. ނަމަވެސް އެތަންތަން ހުރީ އެންމެ އެކަށީގެންވާގޮތުގައި ލޭ ރައްކާކުރެވޭފަދަ ގޮތުގައި ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުލް ފްލެޖްޑް ބްލަޑް ބޭންކެއް އަތޮޅުތަކުގެ އެއްވެސް ސަރަޙައްދެއްގައި އަދި ނެތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ 5 ސަރަޙައްދެއްގައި ލޭއާ ގުޅޭ ހުރިހާ ޚިދުމަތެއް ހިމެނޭހެން ބްލަޑް ބޭންކުތައް ޤާއިމްކުރަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ބްލަޑް ބޭންކުތައް ޤާއިމްކުރުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ހުރި ހޮސްޕިޓަލުތައް ރިވިއުކޮށް މަޢުލޫމާތު އެއްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުލް ފްލެޖްޑް ބްލަޑް ބޭންކަކީ ލެއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ހިމެނޭ ލޭގެ ލެބޯޓަރީއެކެވެ. މިފަދަ ލެބޯޓަރީތަކުގައި ލޭ ރައްކާކުރުމުގެ އިތުރަށް ލޭ ޓެސްޓްކޮށް، ޕްރޮސަސްކޮށް، ތަފާތު ބާވަތްތަކުގެ ލޭ ވަކިކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު