ބިމާބެހޭ ބިލު އަނބުރާ ފޮނުވާލުމުން މީކާއީލް އެކަމާ ނުރުހުމުން ކުރީގެ ޕީޖީގެ ރައްދުދެއްވައިފި

ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވާލުމުން، ބިލު ހުށައެޅުއްވި މެންބަރު ނުރުހުން ފާޅުކުރެއްވުމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ރައްދުދެއްވައިފިއެވެ.

ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުއްވީ، ރައީސް ޞާލިޙްގެ ވެރިކަމުގައި ޢާންމުކުރެއްވި ގޯތި ލިސްޓުގައިވާ ގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތިތައް ޙަވާލުކުރެއްވުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމުން މީކާއީލް ވިދާޅުވީ، މި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަވަސް މުސްތަގުބަލެއްގައި ހަވާލުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ވަރަށް ސާފުކަމަށެވެ.

މީކާއިލް ނަސީމުގެ އެ ޕޯސްޓަށް ރައްދުދެއްވައި ކުރީގެ ޕީޖީ މުޢިއްޒު ވިދާޅުވީ އެ ގޯތި ތަކަކީ” ޤާނޫނީ ހަމައަކުން ދޫކޮށްފައިވާ ގޯތިތަކެއް ނޫން" ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ފޮނުއްވެވީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި އެ ބިލަކީ 2024 ވަނަ އަހަރުގެ އެޕްރިލް 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވައި މޭ މަހުގެ 2 ވަނަ ދުވަހު ރައީސް އޮފީހަށް ތަސްދީގުކުރުމަށް ފޮނުވި ބިލެއްކަން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ، ގޯތި ލިސްޓާމެދު ޢަމަލުކުރާނީ އެމައްސަލައިގައި އޭސީސީއިން ދެއްވާފައިވާ ލަފާފުޅަށް ރިޢާޔަތްކުރެއްވުމަށްފަހު އެންމެ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.

އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމުން، ޤައުމީ މަސްލަޙަތާއި ގުޅުންހުރި މަސައްކަތްތަކަށްފަހު ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވަމުންދާކަމަށް ރައީސް މުޢިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމަނިކުފާނު ކެމްޕޭންގެ ތެރެއިން ވަޢުދުވެވަޑައިގަތް ފަދައިން މި 5 އަހަރުތެރޭ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވެއެވެ.

ހުޅުމާލޭ ފަޅުން ހިއްކާ ބިމާއި، ގުޅީފަޅާއި ގިރާވަރުފަޅުން ހިއްކާ ބިންތަކުގެ މަސައްކަތް ނިމުމާއެކު އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދޭނެކަމަށާއި، ގޯއްޗާއި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ އެއްވެސް މީހެއްގެ ނަން އުނިވާން ބޭނުންނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއެވެ.

"ކުރީ ސަރުކާރުން ދިންގޮތަށް އެ ދޭން ބުނި ތަނަކުން ފްލެޓާއި ގޯތިދޭނެކަމަށް އަޅުގަނޑު ވަޢުދުވީން. އެކަން މިހާރުވެސް މިދަނީ ކުރަމުން. މި 5 އަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން އެއީ ވީ ވައުދެއް." ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި އެއްވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު