Saturday, 15 June 2024

އަޟްޙާ ޢީދު ފާހަގަކުރަން 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފި

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރައްވާފައިވާއިރު، މިއަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ 3 ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދިވެހިބަހާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަށް ހުޅުވާލި ފުރުސަތު ހުކުރުދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއްވައެވެ. އަދި މިހާރު ކުރިއަށްދަނީ ޢީދު ފާހަގަކުރާނެ 3 ރަށް ކަނޑައެޅުމުގެ މަސައްކަތްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން، ދިވެހިބަހާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްރަށުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން 7 ރަށް، މެދުރާއްޖެ ތެރެއިން 10 ރަށުގެ އިތުރުން ރާއްޖޭގެ ދެކުނުން 9 ރަށެވެ.

އެ ވުޒާރާއިން ވިދާޅުވީ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ޚާއްޞަ ކޮމިޓީއެއް ދިވެހިބަހާ ބެހޭ ވުޒާރާއިން ވަނީ އެކުލަވާލައިފައެވެ. އަދި މާކްސް ދިނުމުގެ ކަންކަން ނިންމާ ޢީދު ފާހަގަކުރުމަށް ކަނޑައެޅޭ ރަށްތައް ކުރިއަށް އޮތް ހަފްތާގައި އިޢުލާނުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަމަހުގެ 17 ވަނަ ދުވަހެވެ. އީދު އަންނަން ދެން އޮތީ ބާކީ އެއް މަސްދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު