އެ ވާހަކަތައް ފެތުރެން ފެށީ، މި ޚަބަރާ ގުޅިގެންނެވެ.
ރާއްޖޭގައި ޚިދުމަތް ދިނުމުގައި ތަފާތު އެކި ދާއިރާތައް ހުރިއިރު ޓެކްސީ ރޭޓު ކޮންޓްރޯލުކޮށް ފޯރުވަމުން ގެންދާ ނުފޫޒު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޓެކްސީ ޑްރައިވަރުންތަކެއް ބުނި ޚަބަރު އަޑުއިވިއްޖެއެވެ.
ކޮންސްޓްރަކްޝަން ދާއިރާއަކީ ވެސް ހަމައެއް ލަމައެއް ނެތި ރައްޔިތުން އަތުން ހިދުމަތަށް އަގު ނަގާ ބަޔަކަށްވާއިރު ވިޔަފާރި ވެރިންގެ ތެރޭގައި ހިމެނޭ އާންމު ވިޔަފާރިވެރިންވެސް އެއްޗެއްހި ހިތު ހުރި އަގަކަށް ވިއްކަމުން ގެންދާކަމަށާއި، ނަމަވެސް ދުވަހަކުވެސް އެ ތަކެތީގެ އަގު ކޮންޓްރޯލުކޮށް މިވެނި އެވެނި އަގެއްގައި ވިއްކަން ނާންގާ ކަމަށް ވެސް ބުނަމުން އެބަދެއެވެ. އެހެންކަމުން، ޒަމާނުއްސުރެ މިއޮތް ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ބައެއް ޑްރައިވަރުން ބުނަމުން އެބަގެންދެއެވެ.
ބައެއް ޑްރައިވަރުން ބުނެފައިވަނީ ޓެކްސީތަކަކީ ބޭންކުން ލޯނު ނަގައިގެން ގަނެފައިވާ ޓެކްސީތަކަށްވާއިރު އަގުތައް ކޮންޓްރޯލް ކުރުމުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭނެ ކަމަށެވެ. މި ވަގުތު ހުރިހާ ޑްރައިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ކުރިން އަސާސީ ހައްގުތަކާއި ގުޅުންހުރި އެހެން އަގުތައް ކޮންޓްރޯލް ކުރުމަށްފަހު ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރުމެވެ.
ވާހަކަ ދެއްކި ދާނެއެެވެ. ދައްކާ ވާހަކައިގައި ދެކޮޅުވެސް އޮންނާނެއެވެ. އުފެދެނީ އެންމެ ސުވާލެވެ. މިހާރު ކާޑު ވިއްކުމަށް ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ އަގުގެ ބަދަލުގައި ވިޔަފާރިވެރިން ބޭނުން އަގަކަށް ކާޑު ވިއްކަން ފަށައިފިނަމަ، މިހެން ބުނާ ޓެކްސީ ޑްރައިވަރު ހަމަ ހަނު ހުންނާނެ ބާވައެވެ؟
ކާޑުގެ އަގު އުފުލިއްޖެނަމަ، އެއީ ކާޑު ވިއްކާ ފަރާތްތަކުން ދެކޮޅު ޖައްސަން ކުރާ ކަމެކޭ ބުނަން ކެރޭނެ ހެއްޔެވެ؟
ކޮންމެ ސިފައެއްގައި ނަމަވެސް، ޒަމާނުއްސުރެ ކާޑުގެ އަގާއި ޓެކްސީގެ އަގު ވަނީ ހިފެހެއްޓިފައެވެ. ކާޑުގެ އަގު ހިފެހެއްޓިފައިވުމުން، އެކަމުގެ ފައިދާ ކުރަނީ ރައްޔިތުންނަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކާޑުގެ އަގު ބޮޑުކުރުމުން ރައްޔިތުން ރުޅިގަދަވިއެވެ. އެކަން ހަނދާން ހުރީ ކިތަން މީހުން ބާވައެވެ؟
އެހެނީ ކާޑުގެ ބާވަތްތައް އަގު ހެޔޮކޮށް ލިބެމުން އައިސް ކުއްލިއަކަށް އަގުބޮޑުވުމުން ހަމަ އެ ދަތިކަން އަންނާނީ ރައްޔިތުންނަށެވެ. ބައި ރުފިޔާއެއްވެސް އިތުރުވެއްޖިއްޔާ ހަމަ އެވާހަކަ ދައްކާނެއެވެ.
ޓެކްސީ ކުރުމަށް ކަނޑައެޅިފައިވާ އަގު އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލައިފިނަމަ، ޓެކްސީގެ ދަތުރުތަކުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.
މިސާލެއްގެ ގޮތުން ބަލާއިރު، ފިޔާ، އަލުވި، ބިސް މިއީ ދިވެހިން ވަރަށް ގިނައިން ބޭނުންކުރާ ބާވަތްތަކެއް ކަމުން، ޚާއްޞަކޮށް ރޯދަ މަހަށް މިތަކެތީގެ އަގު އުފުލިގެންދާކަން ފާހަގަކުރެވޭނެއެވެ. މި ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން މި ބާވަތްތައް ރާއްޖެ އެތެރެކޮށް ކޮންޓްރޯލް އަގެއްގައި ވިއްކަން ފެށުމުން، އެތަކެތީގެ އަގު ހިފެހެއްޓެއެވެ. ސަރުކާރުން އެ ފިޔަވަޅު ނާޅާނަމަ، ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އެނގޭ ކަމަކީ އަގުތައް އުފުލޭނެ ކަމެވެ.
ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި ޓެކްސީ ދަތުރުތައް ކުރުމަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހެއެވެ. ގިނަ ފަހަރު މާލެ ތެރޭގައި ޓެކްސީ ލިބުމަކީ ދަތިކަމެކެވެ. ދައްކަން މިއުޅެނީ އަދި މިވާހަކައެއް ނޫނެވެ. އެހެން ނަމަވެސް މިވާހަކަ ތިލަކޮށްލުމަށްފަހު ކުރިއަށް އޮތް ވާހަކައަށް ދިއުން ރަނގަޅުވާނެ ކަމަށް ފެނެއެވެ.
ކާޑުގެ އަގު ކޮންޓްރޯލްކުރަން އެސްޓީއޯއިން ކުރާ މަސައްކަތާއި، ފިޔާ އަލުވި ބިސް މާކެޓުގައި ހަމަ އަގުގައި ބެހެއްޓުމަށް އެސްޓީއޯއިން ކުރާ މަސައްކަތް ފާހަގަކުރަމުން، ޓެކްސީގެ އަގު އަމިއްލަ ފަރާތްތަކުން ބޮޑުކުރަން ފެށުމުން، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި، ޓެކްސީ އެތެރެކޮށް ޓެކްސީގެ ދަތުުރުތައް ފަށަން ސަރުކާރަށް ފުރުޞަތު ދޭން ކެރޭނެ ހެއްޔެވެ؟
މި ސުވާލު ކުރިމަތިކޮށްލުމަށްފަހު، މިކަމަށް ބަހެއް ބުނަން ބޭނުންވާ ފަރާތެއް ވާނަމަ، މި ލިޔުމަށް ކޮމެންޓެއް ކުރެއްވުން އެދެމެވެ.
…………………………………….
ނޯޓު: އަނގޮޅީގައި ލިޔާނީ މަގުމަތިން އިވޭއަޑާއި ފެންނަކަންކަމެވެ. ކަންކަން މަތިން އިވޭއަޑާއި ފެންނަ ކަންކަމެވެ. ވަދެލެވޭ ހޮޓާ ކެފޭތަކުން ފެންނަ ކަންކަމާއި އިވޭއަޑެވެ. އިށީނދެލެވޭ ހޮޅުއަށިތަކާ ވަދެލެވޭ މައިޒާންތަކުން އިވޭއަޑާއި ފެންނަ ކަންކަމެވެ. އަނގޮޅީގައި ލިޔާނީ ލިޔެވޭނީ ފެންނަ ކަންކަމާ މަންޒަރާ އިވޭ އަޑެވެ. އަނގޮޅި ކިޔާ މީހުންނަށް ފެންނަ ކަންކަމާ އިވޭއަޑު ތަފާތު ވެދާނެއެވެ.