29 އެޕްރީލް 2025

ވާހަކަ: އަބަދަށްޓަކައި ކަލާ (ފެށުން)

އަހަރެން އަމަންޑާއާ ބައްދަލުވީ ރައްޓެއްސެއް މެދުވެރިކޮށެވެ. އަހަރެންގެ އުމުރުން 18 އަހަރު ފުރުނުއިރު، އޭނާއަށް 17 އަހަރު ފުރުނީއެވެ. އެއީ  މުށިކުލައިގެ ދިގު އިސްތަށިގަނޑެއް ލިބިގެންވާ، ރީތި ބައްޓަމަކަށް ހުރި، ޖާދޫއެއް ފަދަ ރީތި އަންހެން ކުއްޖެކެވެ. އޭނާއަށް އަހަރެން ކަމުދިޔަކަން ފުރަތަމަ ފަހަރު ވެސް އެނގުނެވެ. އަހަރެމެން ބައްދަލުވީ ޕާޓީއެއްގެ ތެރެއިންނެވެ. އެރޭ އަހަރެންނާއި އަމަންޑާއާ މާ ގާތް ގުޅުމެއް އުފެދުނެވެ. އެރޭ އޭނާގެ އެއްމާބަނޑު ކޮއްކޮ، އޭޝްލީންގެ ވާހަކަ ވެސް އަހަންނަށް ކިޔައިދިނެވެ. އަހަރެމެން ދެމީހުންގެ އާއިލާގެ ވާހަކަތަކާއި، ލަނޑުދަނޑިތަކާއި ހުވަފެންތަކާ ބެހޭގޮތުން އެތަކެއް ގަޑިއިރުތަކެއް ވަންދެން ވާހަކަ ދެއްކީމެވެ. އެންމެފަހުން އަހަރެމެން އެކަކު އަނެކަކަށް ފޯނު ނަންބަރުވެސް ޙިއްސާކުރީމެވެ.

އަހަންނަަށް އެނގުނުހާވެސް ކަމަކީ މި ގުޅުމާއެކު އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެންދާނެ ކަމެވެ.

އަހަރެމެން ދެމީހުން ކޮންމެ ހަފުތާއެއްގައިވެސް ތިން ދުވަހު ބައްދަލުކުރަމެވެ. އާންމު ގޮތެއްގައި ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ. އަހަރެންގެ ބައްޕަގެ ވިޔަފާރީގެ ތެރޭގައި އަހަރެން ބިޒީވާ ދުވަސް ދުވަހު، އަމާންޑާގެ ކައިރިއަށް ނުދެވުނު ކަމަށްވިޔަސް އެތައް ވަގުތެއް އެކީގައި ހޭދަކުރަމެވެ. ކަންތައްތައް ބަދަލުވަމުން ދިޔައީވެސް ރަނގަޅަށެވެ، އަހަރެންނަށް އަމާންޑާ ކަމުގޮސްފިއެވެ. އޭނާއަށް އަހަރެންގެ ހިތް ދެވިއްޖެއެވެ. އެކަމަކު އެހެން ނަޒަރަކުންނެވެ.

ކޮލެޖަށް ދާން ފަށަން ޖެހޭ ދުވަސް ޖެހިއްޖެއެވެ. އަހަރެން އަމާންޑާއަށް ވަޢުދުވީމެވެ. ކޮންމެ ދުވަހަކުވެސް ގުޅާނެ ކަމަށެވެ. އަދި އެހެން އަންހެން ކުދިންނާ ދިމާއަށް ނުބަލާނެ ކަމަށެވެ. އެހެނީ އަހަރެން އެހެން ރައްޓެހިންނާ ބައްދަލުކޮށް ހަދާ ކޮންމެ ފަހަރަކު އަމާންޑާ ދެރަވެއެވެ. ހިތްހަމަ ނުޖެހެއެވެ. އެހެންނަމަވެސް އަހަރެން އޭނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރީމެވެ. ރައްޓެހިންނާ ބައްދަލުކޮށްލަން ދަނީ ވަރަށް މަދު ފަހަރަކުއެވެ.

ފަހުން ކަންތައް ވެގެން ދިޔައީ އެހެން މިސްރާބަކަށެވެ. އަމާންޑާ ގުޅާ ކޮންމެ ފަހަރަކު އަހަންނަށް ފޯނު ނުނެގިއްޖެނަމަ، އަހަރެންނާ މެދު ޝައްކު ކުރަން ފަށައެވެ. އޭނާއަށް އޮޅުވާލާ ކަމަށް ދެކެއެވެ.

މި ޝަކުވާތަކާ ހެދި އަހަރެންނަށް ހީވީ ނޭވާ ހާސްވެގެން ދިޔަހެންނެވެ. އަމާންޑާއަށްޓަކައި އަހަރެންގެ މުޅި ޙަޔާތުގެ ހުރިހާ ވަގުތެއް ހުސްކުރަމުންދާއިރު، އެވަރުންވެސް އޭނާއަށް ނުފުދެއެވެ. އަހަރެންދެކެ ލޯބިވާ މިންވަރާއި އަހަރެންނާ ނުލައި ދުވަހަކުވެސް ނޫޅެވޭނެ ވާހަކަ ކޮންމެ ދުވަހަކުވެސް ބުނަމުން ދިޔައެވެ. އަމާންޑާ ބުނަމުން ދިޔައީ، އޭނާ އަބަދަށްޓަކައި އަހަރެންނާ އެކު ވާނެ ކަމަށެވެ. ދުވަހަކުވެސް ވަކި ނުވާނެ ކަމަށެވެ. އަހަރެންނަށް އޭނަ ކަމުދިޔަ ނަމަވެސް އަހަރެން އޭނަދެކެ ޙަޤީޤީ ލޯތްބެއް ނުވެވުނެވެ. ލޯތްބަކީ ކޮބައިކަންވެސް އަހަރެންނަކަށް ނޭނގުނެވެ.

އަހަރެންގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. އަހަރެންނަށް އޭނާ ދެކެ އޭނާ އެދޭފަދަ ލޯތްބެއް ނުވެވުނެވެ. އެހެންވެ، އެ ގުޅުން އިތުރަށް ދަމަހައްޓާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ނަމަވެސް ކުރިމަތިވީ ހައިރާންކުރުވަނިވި ކަމެކެވެ. އެ ގުޅުން ނިންމާލަން އުޅުނު ދުވަހު އަމަންޑާ އަހަރެން ގާތު ބުނީ އޭނާ ބަލިވެ އިންކަމަށެވެ. އެހިނދު އަހަރެންގެ ސިކުނޑީގައި ހާސްކަމުން ފުރިގެންވާ ޚިޔާލުތައް އެނބުރިގަތެވެ. މުޅި އުމުރު ދުވަހު އަހަރެންގެ އަމިއްލަ ނަފްސު މި އަންހެން ކުއްޖާއާ ބަނދެވިފައި ހުންނަން ޖެހިއްޖެ ފަދަ އިޙްސާސެއް ކުރެވުނެވެ. ނަމަވެސް އަހަރެންގެ ނަސީބު ގަދައެވެ. އޭނާ ބަލިވެއިން ކަމަށް ބުނި ނަމަވެސް، އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަން އެނގުނެވެ. އަހަރެން އޭނާގެ ކޮއްކޮ އޭޝްލީން އާއިއެކު ގިނަ އިރުތަކެއް ވަންދެން ދެއްކި ވާހަކަތަކުން އެކަން ޔަޤީން ކުރެވުނެވެ. އޭނާ ބުނީ އަމަންޑާ ރަނގަޅު ކަމަށެވެ.

އަހަރެންގެ ރައްޓެހިންނާއެކު ރޭގަނޑުގެ ކެއުމަކަށް ދިޔައީމެވެ. އެ ރެސްޓޯރެންޓް ތެރޭގައި އިންދާ އާމަންޑާއަށް އަހަރެން ފެނިއްޖެއެވެ. އޭނާ ރުޅިގަދަވެއްޖެއެވެ. އޭނާގެ ރުޅިގަނޑު މައިތިރި ކުރަން އަހަރެން އޭނާ ގޮވައިގެން ބޭރަށް ނިކުތީމެވެ. އެތަައް ވާހަކައެއް ދައްކައިގެންވެސް ޙައްލެއް ނުވިއެވެ. ރުޅިގަނޑު މައިތިރިއެއް ނުކުރެވުނެވެ.

އަހަރެންގެ ވިސްނުން މުޅީން ބަދަލުކޮށްފީމެވެ. އޭނާއާއެކު އޮތް ގުޅުން ދެން އިތުރަށް ނުބޭއްވުމަށް ނިންމައިފީމެވެ. އޭނާއާ ދިމާއަށް އިތުރަށް ބަލާލާކަށްވެސް ބޭނުމެއް ނުވިއެވެ. އާނ، މުޅިން ގުޅުން ކަނޑާލައިފީމެވެ.

"މި ދިމާވި ކަންތަކާ މެދު ދެން އިތުރަށް ވާހަކަ ދައްކާކަށް ނެތިން" މީގެ ފަހުން އިތުރަށް ފޯނުވެސް ނުކުރަން އޭނާ ގާތު ބުނީމެވެ. އަހަރެން އޭނާ ދޫކޮށްފައި ދިޔައީމެވެ. ނަމަވެސް ކެތެއް ނުވިއެވެ. އަހަރެން ފަސް އެނބުރި ބަލާލީމެވެ. މަގުމެދުގައި އޭނާ ރޯން ހުއްޓެވެ. އެކަން އެއީ އަހަރެންގެ ހިތަށް ކެތްވާވަރު ކަމަކަށް ނުވިއެވެ. އާމަންޑާ އަހަރެންގެ އެހީތެރިކަމަށް ބޭނުންވާ ކަން އަހަންނަށް އިޙްސާސް ކެރެވުނެވެ.

ދެދުވަސް ފަހުން އަމާންޑާގެ ކޯލެއް އަހަރެންނަށް ލިބުނެވެ. އޭނާ ބޭނުންވީ އަހަރެންނާ ވާހަކަ ދައްކާށެވެ. "އެހެނަސް ދެން އެކަން ވާކަށް ނެތެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަހަރެން އޭނާއާ ގުޅުން ކަނޑައިފީމެވެ."

އަމަންޑާ ގިސްލާ ރޯން ފަށައިފިއެވެ. އަދި އޭނާ ދޫކޮށް ނުލުމަށް އާދޭސް ކުރަން ފެށިއެވެ.

"އަހަރެން އެންމެ ފަހު ވާހަކަ ބުނެލާނެ ފުރުޞަތެއް ދީފަންނަންތަ؟" އަމަންޑާ ވޭނީ އަޑަކުން އަހާލިއެވެ. އެއަށްފަހު ދެން އިތުރަށް ކުރިއަށްދާނެ ގޮތަކާ މެދު ވިސްނާނީ ކަމަށް އޭނާ ބުންޏެވެ.

އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރިއެވެ.

އަހަރެން އާމަންޑާއާ ބައްދަލުކުރަން އެގެއަށް ދިޔައީމެވެ. އަހަރެން ދިޔަ ވަގުތު ގޭގައި ނޫޅޭ ކަމަށާއި އަންނަންދެން ކުޑައިރުކޮޅަކު މަޑުކޮށްލަން، އޭނާ ފޯނުކޮށްފައި ބުންޏެވެ. އަހަރެން އެ ގޭ ބޭރުގައި މަޑުކޮށްލައިގެން ހުންނަތާ ގަޑި ދެގަޑިއިރު ވެއްޖެއެވެ. އަހަރެންނަށް ކެތެއް ނުވިއެވެ.

އޭނާގެ ޑްރައިވަރު، ބޭރުގައި ހުރިތަން ފެނުމުން، އާމަންޑާ ގޭގައި ހުރިކަން ޔަޤީން ކުރެވިއްޖެއެވެ. ދޮރުގައި ޓަކި ޖަހަން ފެށީމެވެ. އޭނާގެ ޚަބަރެއް ނުވިއެވެ. އޭނާގެ ނަމުންވެސް ގޮވަން ފެށީމެވެ. ލިސާނެއްވެސް ނެތެވެ.

އަހަރެންނަށް އެ ގޭގެ ދޮރު ތަޅު ނުލާ ހުރިކަން އެނގިއްޖެއެވެ. މަޑުމަޑުން ގޭ ތެރެއަށް ވަނީމެވެ. އޭނާގެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލީމެވެ. ކޮޓަރި ދޮރު ހުރީ ތަޅުލާފައެވެ. ދޮރުގެ ތަޅުގައި ހިފައި ދޮރުކޮށްޕާ ލީމެވެ. ކޮންމެއަކަސް ދޮރު ހުޅުވިއްޖެއެވެ.

ދޮރު ހުޅުވިތަނުން ފެނުނީ ލޭގެ ކޯރެކެވެ. ލެއިން ތަތްތެޅިފައިވާ އަމަންޑާގެ ފުރާނަ ނެތް މަސްގަނޑެވެ. އޭނާގެ ކައިރީގައި ރޭޒަރު ތިލައެއް އޮއްވާ ފެނުނެވެ.

ލެއިން ތަތްތެޅިފައިވާ އަމަންޑާގެ ފުރާނަ ނެތް މަސްގަނޑު، އަހަރެންގެ އަތް ދަނޑި މައްޗަށް ލީމެވެ.

"އަމާންޑާ، ކީއްވެ މިހެން ހެދީ، ކީއްވެ؟" ހިތް ކުދިކުދިވެފައިވާ ހާލުގައި އަހާލީމެވެ. ރޫރޫ އަޅަން ފެށިއެވެ. ހާސްވެ ގޮތް ހުސްވެއްޖެއެވެ.

ކުއްލިއަކަށް ހިޔަންޔެތް ވާހެން ހީވެއްޖެއެވެ. އަހަރެން އިސްއުފުލާ ބަލާލިއިރު އޭޝްލީން އަހަރެންގެ ކައިރީގައި، އިސްޖަހައިގެން އޭނާގެ އެއްމާބަނޑު ކޮއްކޮއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އަމަންޑާ، އަހަންނަށް މިހެން ހެދީ ކީއްވެ؟! ދެމީހުން ޔޫރަޕަށް ފުރަންވެސް އޮތީ ތައްޔާރުވެފަ" އޭޝްލީން ރުއިމާއެކު ހަޅޭއްލަވައިގަތެވެ. އަމާންޑުގެ ހަށިގަނޑުގައި ހިފަހައްޓައިގެން އޭޝްލީން ރޮމުން ދިޔައެވެ.

އަހަރެން އޭނާ ދުރަށް ކޮއްޕާލާފައި ހުއްޓާލަން ބުނީމެވެ.

އޭޝްލީން މަޑުމަޑުން ތެދުވެ، ހިނގައިގަތް ތަނުން ޑްރެސިންސް ޓޭބަލުގެ މަތީގައި ބާއްވާފައި އޮތް އަމަންޑާގެ ސިޓީއެއް ފެނުނެވެ. އެ ކަރުދާސްކޮޅު ނަގައި ދެލޮލުން ނުތަނަވަސްކަން އެކުލެވިގެންވާ ގޮތަކަށް އޭޝްލީން އަހަންނާ ދިމާއަށް ބަލާލިއެވެ. އަހަރެން ތެދުވެ އޭޝްލީން ކައިރިއަށް ހިނގައިގަތީމެވެ.

"މި ހިތް ދެވުނު ލޯބިވެރިޔާ،

ތިއީ އަހަރެންގެ ހަޔާތުގެ ލޯތްބެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކާ މެދު މިކަހަލަ އިހުސާސެއް ނުކުރެވެއެވެ. ކަލާ އަހަންނަށް އުއްމީދެއް ދިނީމުއެވެ. ދިރިއުޅުމާއެކު ކުރިއަށް ދިއުމަށް ބޭނުންވި އުންމީދެކެވެ. އަހަރެމެން ވަކިން އުޅޭއިރު އަހަރެން ހުންނަނީ އެތެރެ ހުސްވެ އެކަނިވެރިވެފައެވެ. އަހަރެން ހީކުރީ އަހަރެންގެ އަމިއްލަ ނަފްސުގެ ކިބައިން އަހަރެން ސަލާމަތް ކުރަން އުޅޭ މީހަކީ ކަލާ ކަމަށެވެ. އަހަރެންގެ ދިރިއުޅުމަށްވުރެ ބޮޑަށް ލޯބިވަނީ ތިބާ ދެކެއެވެ. އެކަމަކު އަހަރެންނަށް ތިބާ ނުލިބިއްޖެނަމަ، އަދި އަހަރެމެންނަށް އެކުގައި ނުތިބެވޭނަމަ، ދެން އަހަރެން މި ދިރިއުޅުން އުޅެން ބޭނުމެއް ނޫނެވެ. އައި’މް ސޮރީ އިޓް ހޭސް ޓު ބީ ދިސް ވޭ، ބަޓް ޔޫ ހޭވް ނޯ އެންޑް ބްލޭމް ބަޓް ޔޫއަރ ސެލްފް. އަހަރެންގެ ހަޔާތުގައި ތިބާ ނެތި ކުރިއަށް ނުދެވުނެވެ. ޕްލީޒް، އޭޝްލީން ގާތު އަހަރެން އޭނާ ދެކެ ލޯބިވާ ވާހަކަ ބުނެދީ، އަހަރެން މާފަށް އެދެން." އަމާންޑާގެ ނޯޓުގައި ބުނެފައިވެއެވެ.

އޭޝްލީން ގިސްލަމުން ދިޔައެވެ. އަހަންނާ ދިމާއަށް އިނގިލި އުފުލާލައި، ހަރުކަށި ރާގެއްގައި އޭނާއާ ކައިރި ނުވުމަށް އޭޝްލީން ބުންޏެވެ. ނަމަވެސް އަހަރެން އޭނާ ކޮންޓްރޯލްކުރެވޭތޯ ބެލީމެވެ.

“ކޮއްކޮ މަރުވީ ކަލޭގެ ސަބަބުން، މިއީ ކަލޭގެ ކުށް. ކޮށްދޭން ޖެހުނުހާވެސް ކަމަކީ ކޮއްކޮ ދެކެ ލޯބިވުން!" އަސަރުން ފުރިގެންވާ ރާގެއްގައި އޭޝްލީން ބުންޏެވެ.

އެދުވަހު، އަހަރެންގެ ދިރިއުޅުން އަބަދަށްޓަކައި ބަދަލުވެގެން ދިޔައެވެ….


(ނުނިމޭ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު