އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރާ ގުޅުން ކެނޑުނުތާ ބާރަގަޑި ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު އަދިވެސް ހެލިކޮޕްޓަރު ފެނިފައި ނުވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ. މި ހާދިސާ ހިނގި ވަގުތު ރައީސީ އަރިހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި ކަމުގައެވެ. މި ހާދިސާގައި ރައީސީގެ ފުރާނަފުޅަށް ނުރައްކާވިކަން އަދި ސާފެއް ނޫނެވެ.
މިކަން ހާމަކޮށް، އީރާނުގެ ދައުލަތުގެ ޓީވީ އައިރިންއަށް މައުލޫމާތުދެއްވަމުން އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ޕީރު ހުސެއިން ކޫލިވާންދު ވިދާޅުވީ އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ތަން ރެސްކިއު ކްރޫއިން އަދި ހޯދިފައިނުވާ ކަމަށެވެ.
ހެލިކޮޕްޓަރުގެ ސިގްނަލާ ކްރޫ މެމްބަރެއްގެ މޯބައިލް ފޯނެއް މެދުވެރިކޮށް އެ މަތިންދާބޯޓު ވެއްޓުނު ސީދާ ސަރަހައްދު އެނގިފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ އިރްނާއިން މީގެ ކުރިން ރިޕޯޓްކުރިނަމަވެސް، ކޫލިވާންދު ވިދާޅުވީ ސަލާމަތީ ޓީމުތަކުން ދަނީ ސިގްނަލްތައް ދެނެދަނެވުނު ސަރަހައްދު ވަށައިގެން ހޯދަމުންކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ދުންފިނީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވަނިކޮށެވެ. އެހެންކަމުން، ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދުމަކީ ވަރަށް ދަތިކަމަށް ވަނީ ވެފައެވެ. އަދި ރޭގަނޑު ވުމުގެ ސަބަބުންވެސް ސަލާމަތީ ޓީމުތަކަށް އިތުރު ދަތިތައް ކުރިމަތިވެފައިވެއެވެ.
އެކި ޤައުމުތަކުން ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާއިރު، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އީރާނަށް އެހީތެރިވުމަށް 32 ސްޕެޝަލިސްޓުން ތުރުކީންވަނީ ފޮނުވާފައެވެ.
ރެސްކިއު އޮޕަރޭޝަނާ ބެހޭ ގޮތުން، އީރާނުގެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ.
ގުޅުންހުރި:
އީރާނުގެ ރައީސް ހޯދުމަށް އެޤައުމުގެ ސަލާމަތީ ބާރުތަކުގެ ހުރިހާ ވަސީލަތެއް ބޭނުންކުރަން ފަށައިފި