Thursday, 20 June 2024
ޖުލައި 26، 2015: މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައި، ޖުމްހޫރީ މައިދާނުގައި ބޭއްވި، ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސަން/

އީރާނުގެ ރައީސް އަވަހަރާވުމާ ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި

އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާކަމަށެވެ.

"އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، 2024 މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، (ތިން ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ." ރައީސް އޮފީހުގެ  ދެންނެވުމުގައިވެއެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/10 ނަންބަރު ދެންނެވުމުގައެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއްކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޕޯސްޓްގައި ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާވެސް ދަންނަވާފައެވެ.

އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވީ އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު