ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީންގެ މައްޗަށް ހުކުމްކޮށްފިއެވެ.
މި ޙުކުމް ކޮށްފައިވަނީ، އަކްރަމް ކަމާލުއްދީން، މުސްތަފާ އަތުން އެކި ފަހަރު މަތިން ނަގާފައިވާ ފައިސާ ހޯދުމަށް މުސްތަފާ ސިވިލް ކޯޓުގައި އަކުރަމްއާ ދެކޮޅަށް އުފުލާފައިވާ ދައުވާއާ ގުޅިގެންނެވެ،
މުސްތަފާގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، އަކްރަމް އޭނާގެ އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ދިން ޗެކުތަކަށް ފައިސާ ލިބިފައިނުވާ ކަމަށް ބުނެ، އޭނާގެ އަތުން އަކްރަމް ނަގާފައިވާ 1.7 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށެވެ.
މިމައްސަލައިގައި، މުސްތަފާއަށް ކޯޓުގައި ސާބިތު ކޮށްދެވިފައިވަނީ 400،000 ރުފިޔާއާއި 50،000 ޑޮލަރުގެ މުއާމަލާތެއް އެކަންޏެވެ.
މުސްތަފާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 400،000 ރުފިޔާ އަނބުރައި ރައްދުކޮށްފައިވާ ކަމަށް އަކްރަމްގެ ފަރާތުން ހުށަހެޅި ބަޔާނުގައިވެއެވެ.
ނަމަވެސް، އެ ކަމަށް ހެއްކެއް ނެތުމާއި ހެކިވެރިއެއްގެ ކުރިމަތީގައި އެ ފައިސާ އަނބުރާ ރައްދުކުރިއިރު، ހެކިވެރިޔާގެ ކުރިމަތީގައި ދިން ފައިސާގެ އަދަދަކީ 200،000 ރުފިޔާކަން ސާބިތުވާތީ ކޯޓުން އަކްރަމްގެ މައްޗަށް ހުކުމްކޮށްފައިވަނީ މުސްތަފާއަށް އޭނާ އަނބުރައި ދޭންޖެހޭ 400،000 ރުފިޔާއާއި 50،000 ޑޮލަރު، ޖުލައި މަހުގެ 19ގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށެވެ.