އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަޤާމުތަކަށް މެމްބަރުން އިންތިޚާބުކުރުން މިމަހު 28 ވަނަ ދުވަހު ބާއްވާގޮތަށް އެ ޕާޓީން ނިންމައިފިއެވެ.
މިމަހުގެ 28 ވަނަ ދުވަހަކީ 20 ވަނަ ރައްޔިތުން މަޖުލީހުގެ މެންބަރުން މަޤާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާ ދުވަސްވެސްމެއެވެ.
އެމްޑީޕީން ވިދާޅުވީ، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު 28 މޭ 2024 ވާ އަންގާރަ ދުވަހު އޮންނާނެކަމަށެވެ.
އަދި އިންތިޚާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި، 2 ނައިބު ލީޑަރުންނާއި، ސެކްރެޓަރީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލްގެ ނާއިބު، ޗީފް ވިޕް އަދި ވިޕްގެ މަޤާމަށް ދެ ބޭފުޅުން އިންތިހާބުކުރުން އޮންނާނެކަމަށް އެމްޑީޕީން ވިދާޅުވެއެވެ.
މި މަޤާމްތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޭ 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގެވުމަށް އެ ޕާޓީން އެދެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށް ހަމަޖެހިފައިވާއިރު، 93 މެމްބަރުން ހިމެނޭ މަޖިލީހަށް އެމްޑީޕީގެ ފަރާތުން އިންތިޚާބުވެފައިވަނީ 12 މެމްބަރުންނެވެ.