ކޮންމެ އަތޮޅެއްގެ ކަންކަން ވިލަރެސްކުރާނެ މީހުން ކަނޑައަޅައިފި

ކައުންސިލްތަކާ ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކޮންމެ އަތޮޅެއްގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މީހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސަކައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފައްކާކުރުމަށް ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކަންކަން ބެލެހެއްޓުމަށް ޒިންމާދާރު މީހަކު އެ ވުޒާރާއިން މިހާރު ކަނޑައަޅުއްވާފައިވާކަމަށް ފަތުހީ ވިދާޅުވިއެވެ.

އެ އަތޮޅަކަށް ކަނޑައަޅާފައި ހުންނަ މީހުން އެ އަތޮޅުގެ ކަންކަން ވިލަރެސްކޮށް މޮނިޓަރކުރާނެކަމަށްވެސް ފަތުހީ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮންމެ އަތޮޅަކަށް މީހަކު ކަނޑައެޅުމުގެ އިތުރުން ބައެއް އަތޮޅުތައް އެއްކޮށްލައިގެން ސަރަހައްދަކަށް ސްޓޭޓް މިނިސްޓަރަކުވެސް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތަށް އަތޮޅުތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޒިންމާދާރު މީހުން ކަނޑައެޅުމާއެކު ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތްކުރެވި، ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ކުރީގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުން އައި ގޮތާއި މިހާރު ހިނގަމުން އަންނަ ގޮތް ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ކައުންސިލްތަކާ ވަރަށް ގާތުން ދައުލަތުން މަސައްކަތްކޮށް ލާމަރުކަޒީ ނިޒާމުގެ އެންމެ ފޮނި މީރުކަން ކުރިއަށް އޮތްތަނުގައި ޙާސިލްވާނެކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވައި، ރަށްރަށަށް ވަޑައިގެން 160 ކައުންސިލަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ