ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފާނެތީ، އެމެރިކާގެ ރިޕަބްލިކަން ސެނެޓަރުން އިންޓަރނޭޝަނަލް ކުރިމިނަލް ކޯޓްގެ (އައިސީސީ) ޕްރޮސެކިއުޓަރަށް އިންޒާރުގެ ސިޓީއެއް ފޮނުވާފައި ވަނިކޮށް، އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރު އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ޚާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގައި، ހަމާސް ޖަމާއަތުން ދިން ހަމަލާގައި ގާތްގަނޑަކަށް 1،140 މީހުން މަރުވި އިރު، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް އޭނާގެ ޓީމުން ތުހުމަތުކޮށް، އިސްރާއީލާއި ހަމާސްގެ އިސް ވެރިން ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ.
އެ ހަމަލާއަށް ފަހު ހަތް މަހަށް ވުރެ ގިނަ ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކާއި ޣައްޒާގައި އިސްރާއީލުން ހިންގާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކުގެ ސަބަބުން މިހާތަނަށް 35،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އައިސީސީން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓާއި ހަމާސްގެ ލީޑަރުން ކަމަށްވާ ޔަހްޔާ ސިންވާރާއި މުހައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ އާއި އިސްމާއިލް ހަނިއްޔާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފަ އެވެ.
އޭނާގެ ބަޔާނުގައި ޚާން ވަނީ ހެކިތައް މުރާޖާކުރުމަށާއި ގާނޫނީ ލަފާދިނުމަށް އޭނާ އެއްކުރި ތަޖްރިބާކާރުންގެ ޓީމަށް ތައުރީފު ކުރައްވާފައެވެ.
މި ޓީމުގައި ހިމެނިވަޑައިގަންނަވާ ފުންނާބުއުސް ގާނޫނީ ވަކީލުންނަކީ:
ސަރ އެޑްރިއަން ފުލްފޯޑް:
އިނގިރޭސިވިލާތުގައި ރިޓަޔަރޑް އިސްފަނޑިޔާރު މަޤާމު ފުރުއްވާފައިވެއެވެ. މީނާ ވަނީ 1978 ވަނަ އަހަރުން ފެށިގެން ވަކީލެގެ މަޤާމު އަދާކުރައްވާފައެވެ. 2022 ވަނަ އަހަރު ރިޓަޔަރ ކުރެއްވުމާ ހަމައަށް ވޭލްސްގެ ކޯޓް އޮފް އެޕީލްގެ ފަނޑިޔާރެއްގެ މަޤާމު ފުރުއްވާފައެވެ.
ފަނޑިޔާރު ތިއޯޑޯ މެރޮން:
ކުރީގެ ޔޫގޯސްލާވިއާ އާއި ރުވާންޑާގެ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ އދ.ގެ ޓްރައިބިއުނަލްތަކުގައި މަސައްކަތް ކުރައްވާފައިވާ އެމެރިކާ-އިސްރާއީލުގެ ގާނޫނީ ވަކީލެއް އަދި ފަނޑިޔާރެކެވެ.
އާމާލް ކްލޫނީ:
އައިސީސީ އާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަދި ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި ކްލައިންޓުން ތަމްސީލް ކުރާ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ގާނޫނީ ވަކީލެކެވެ.
ޑެނީ ފްރީޑްމަން:
ފްރީޑްމަން މިހާރު މަސައްކަތް ކުރައްވަނީ ނޮދަން އަޔަލޭންޑްގައި ހައިކޯޓުގެ ވަގުތީ ފަނޑިޔާރެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގައި އިންސާނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާގުޅޭ ޤާނޫނުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދައުލަތުގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޤާނޫނީ ލަފާދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
ބެރޮނެސް ހެލެނާ ކެނެޑީ:
ލަންޑަންގެ ޑޯޓީ ސްޓްރީޓް ޗެމްބާސްގައި ހުންނަ ސްކޮޓްލޭންޑްގެ ވަކީލެއްގެ އިތުރުން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސްގެ ޑިރެކްޓަރެކެވެ. ހެލެނާ ކެނެޑީ އަކީ ލޯ ރިފޯމް ތިންކް ޓޭންކެއް ކަމަށްވާ ޖަސްޓިސްގެ ރައީސެވެ.
އެލިޒަބަތު ވިލްމްޝަރސްޓް:
ލަންޑަންގެ ޗަތަމް ހައުސްގައި އިންޓަނޭޝަނަލް ލޯގެ އިއްޒަތްތެރި އެކެވެ. މީނާ ވަނީ ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން އައިސީސީގެ ޓީމުން ނިންމީ ކޮން ނިންމުމެއް؟
- ޓީމުގެ އެސެސްމަންޓުން ނިންމާފައި ވަނީ ހަމާސްގެ ތިން ލީޑަރުން ވެސް އޮތީ އެއް ޕްލޭނެއް ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޢަމަލުތައް ހިންގުން ކަމަށެވެ. މި ޕްލޭނަކީ އިސްރާއީލުގެ މަދަނީ އާބާދީއާ ދެކޮޅަށް ރޭވިގެން ގަސްތުގައި ހިންގާފައިވާ ޕްލޭނެއް ކަމަށެވެ. މި ޓީމުން މިގޮތަށް ނިންމީ ޚާން ދެއްވި މައުލޫމާތަށާއި ހަމަލާ ދިން މައިގަނޑު ހަ ސަރަހައްދެއް ކަމަށްވާ ކްފަރު އައްޒަ، ހޮލިޓް، ސުޕަނޯވާ މިއުޒިކް ފެސްޓިވަލް ބާއްވާ ސަރަހައްދު، ބީރީ، ނިރް އޯޒް ސަރައްހަދުގައި މަންޒަރު ދުށް މީހުން ހެކިބަހަށާއި އަދި ވީޑިއޯ މެޓީރިއަލް މައްޗަށް ބިނާކޮށެވެ.
- މި ޓީމުން ނެރުނު ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިންވެސް ޣައްޒާގެ އާންމުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދުމަށް އިސްރާއީލަށް ބަރޯސާވެފައިވާކަމަށެވެ. އެހެންވާންޖެހިފައިވަނީ 2005 ވަނަ އަހަރުގެ ޑިސްއެންގޭޖްމަންޓް ޕްލޭނާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ދަތުރުފަތުރުކުރުން މަނާކުރުމުންނެވެ. އިސްރާއީލުން ޣައްޒާއިން ވަކިވެ، ޣައްޒާގެ ވަޒަންވެރިން ޣައްޒާއިން ބޭރުކުރުމަށް އިސްރާއީލުން ހިންގާ ދަތިކުރުމުގެ ސަބަބުތަކަކާ ގުޅިގެންނެވެ.
- އިސްރާއީލުގެ ލީޑަރުން ބަނޑުހައިހޫނުކަން ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ "ހަތިޔާރު އެޅި ހަނގުރާމައެއްގައި ބައިވެރިވާ ފަރާތްތަކުން އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިގެން ގަސްތުގައި ހުރަސް އަޅައިގެން ނުވާނެ" ކަމަށާއި، ޣައްޒާގައި އެޤައުމުން ހިންގާ އެއްގަމު އޮޕަރޭޝަންތަކަށްފަހު، އިސްރާއީލުން ވަނީ ޣައްޒާގެ ހުރިހާ ހިސާބެއް ހިފާފައެވެ.
- ރިޕޯޓްގައި ބުނެފައިވަނީ ޓީމުން އެސެސްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަތަންޔާހޫ އާއި ގަލަންޓް ޣައްޒާގެ އާއްމުން ބަނޑަށް ޖައްސައި މަރާލުމަށް މަގުފަހިވާގޮތަށް ގަސްތުގައި އަމަލުތަކެއް ހިންގާފައިވާ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބެއް އެބައޮތް ކަމަށެވެ.
ދެންވާނީ ކިހިނެއް؟
އައިސީސީގެ ތިން ފަނޑިޔާރުންގެ ޕެނަލަކުން ހައްޔަރު ކުރުމުގެ އަމުރު ނެރުމާ މެދު މިފަހަރު ގޮތެއް ނިންމާނެ އެވެ. އާންމުކޮށް ފަނޑިޔާރުންނަށް މިފަދަ ނިންމުންތައް ނިންމުމަށް ދެ މަސް ދުވަސް ނަގައެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރާއި ހަމާސްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރު ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބައެއް މުހައްލިލުން ފާހަގަކުރައްވާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ކޯޓުން އެމެރިކާގެ ބިރު ދެއްކުންތަކަށް އައިސީސީން ޖެހިލުންނުވާކަމާއި އިސްރާއީލުގެ ވެރިންނެކޭ އެއްގޮތަށް އެމެރިކާގެ ވެރިންނާ ހަމައަށް ވެސް ބައިނަލްއަގުވާމީ ގާނޫނުގެ ދިގުއަތް ފޯރައި ގާނޫނު އަރައި ހަމަކުރާނެކަމުގެ އިންޒާރު އެމެރިކާއަށް ދިނުންކަމަށެވެ.