އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެންޑީއެފްއިން މި ގޮތަށް އިލްތިމާސްކުރައްވާފައިވާއިރު، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 3 ދުވަހުވެސް ވިއްސާރަކޮށް ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެގޮތުން، އެމްއެންޑީއެފްއިން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަދިރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ.