މަޖިލިސް އިންތިޚާބުގައި ކަރުދާހާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތުގައި، ފައިލް ފޮޓޯ: އިލެކްޝަން ކޮމިޝަން

މާލީ ބަޔާން ހުށަނާޅާ 277 ކެންޑިޑޭޓުން، މިއަދަކީ ފަހު ދުވަސް

މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށައަޅާފައިވަނީ 91 ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މިަކަމާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވަމުން، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލީ ބަޔާން ހުށައެޅި 91 ކެންޑިޑޭޓުންގެ ތެރެއިން 56 މީހުންނަކީ ޕާޓީތަކުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށެވެ. އަދި މާލީ ބަޔާން ހުށައެޅި 35 މީހުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވެސް ކޮމިޝަނުން މަޢުލޫމާތު ދެއްވިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ. ވީމާ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށައަޅަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންއިން ހާމަކުރައްވާފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓެއް ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަންޖެހޭނެއެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލުވެސް ހުށައަޅަންޖެހޭނެއެވެ. އިންތިޚާބަށް ޚަރަދުކުރުމަށް ފައިސާ ހޯދިގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާ އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލުވެސް މާލީ ބަޔާނުގައި އޮންނަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޤާނޫނުގައި ބުނާ މުއްދަތަށް މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. މި ޤާނޫނުގެ 74 ވަނަ މާއްދާގައި އޮންނަ ގޮތުން ވަކި ކަމެއް ކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އަދި އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000 ރުފިޔާއާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މި އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު