އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ފައިލް ފޮޓޯ

ވަޒީރު ވިދާޅުވީ ޗައިނާ އާއި އިންޑިއާއާއެކު ކުރެވޭ މަސައްކަތްތަކުން ދިވެހި ރުފިޔާ ވަރުގަދަވާނެ ކަމަށް

ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ކުރައަންނަ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާ ކަމަށެވެ. އަދި ހަމަ އެ އަދަދާ ގާތްކުރާ އަދަދަކަށް ޑޮލަރުން ފައިސާ ދައްކައިގެން އިންޑިއާއިން ވެސް މުދާ ގެންނަ ކަމަށާއި ދެ ޤައުމުން 1.5 މިލިއަނެއްހާ ޑޮލަރުގެ މުދާ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ގެންނަ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޗައިނާ އަދި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ޤައުމުތަކުގެ ފައިސާއިން ފައިސާ ދެއްކޭގޮތް ހެދުމަށް މަޝްވަރާ ކުރެވުމުންދާ ކަމަށާއި، މި ބަދަލާއެކު ރާއްޖޭން މުދާ ގެނައުމަށް ހޭދަކުރާ ޑޮލަރުގެ ޑިމާންޑު ކެނޑިގެންދާނެ ކަމަށާއި އޭގެ ސަބަބުން ދިވެހި ރުފިޔާ ބާރުގަދަވެގެންދާނެ ކަމުގައެވެ.

ޓްރޭޑް ފެސިލިޓޭޝަނަށް ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވިދާޅުވެފައިވާ ކަން ފާހަގަކުރައްވަމުން، އެކަމުގައި އިންޑިއާ ސަރުކާރުގެ ޝައުގުވެރިކަން ހުރިކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ވިދާޅުވެފައިވާ ކަމުގައި ސަޢީދު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ވަނީ ބީއެމްއެލް މެދުވެރިކޮށް ޗައިނާގެ ވީޗެޓް ޕޭ ގެ ޚިދުމަތް ވެސް ތައާރަފު ކޮށްފައެވެ. އަދި އިންޑިއާގެ "ރޫ ޕޭ" ގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ވެސް ދިވެހި ރުފިޔާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި ކަޅު ބާޒާރެއް އުފެދިފައިވަނިކޮށް، މި ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ފައިސާ ޗާޕު ކުރުން ހުއްޓާލުން ފަދަ މުހިއްމު ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު ވެއްޓެމުން އަންނަކަން ފާހަގަކުރެވެއެވެ،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު