16 ފެބުރުވަރީ 2025
ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެކަން އަޔަލޭންޑުން އިއުލާނު ކުރުމާ އެކު އަޔަލޭންޑްގެ ޑަބްލިންގެ މަގެއްގައި "ވިކްޓްރީ ޓް ފަލަސްތީން" ޖަހާފައިވާ ގްރެފިޓީއެއްގެ ކައިިރިން މީހަކު ހިނގާފައި ދަނީ.ފޮޓޯ: ރޮއިޓާސް

އަޔަލޭންޑް، ސްޕެއިން އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި

އަޔަލޭންޑް، ސްޕެއިން އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.

މި ތިން ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރިކަން އިޢުލާންކުރީ، ޣައްޒާގައި ހަތް މަސް ދުވަސް ވަންދެން ހިނގަމުންދާ ލޭއޮހޮރުވުންބޮޑު ލާއިންސާނީ ހަނގުރާމައިގެ ސަބަބުން، މި ސަރަހައްދުގެ ސުލްހައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އައިރިޝް، ސްޕެނިޝް އަދި ނޯވޭގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތްކަން އިއުލާނުކުރަމުން ބުނެފައި ވަނީ މި ނިންމުމަކީ ދެ ދައުލަތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއްގެ ހައްލަކަށް ތާއީދުކޮށް، މެދުއިރުމަތީގެ ސުލްހަ ގާއިމު ކުރުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށެވެ.

"ފަލަސްޠީނުގެ ދައުލަތް އަޅުގަނޑުމެން ޤަބޫލުކުރަނީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައި، އަޅުގަނޑުމެންނަށް މިކަންތައްތައް ތިން ލަފުޒަކުން  ބަޔާންކުރެވިދާނެ، އެއީ، ޞުލްޙަ، ޢަދުލުއިންޞާފް، އަދި ހަމަޖެހުން." ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މެޑްރިޑްގެ ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ދެ ދައުލަތުގެ ހައްލަކީ އިހުތިރާމް ކުރެވޭ ހައްލެއްކަން ޔަގީންކޮށް، ދެ ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދެފަރާތަށް ވެސް އޮންނަން ޖެހޭނެ."

އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމޮން ހެރިސް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބިގެންވާ ކަމަށެވެ. " މިއީ އިސްރާއީލާއި ފަލަސްޠީނާ ދެ ޤައުމުގެ ރައްޔިތުންނަށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އޮތް ހަމައެކަނި އިތުބާރުކުރެވޭ މަގު." އަޔަލެންޑްގެ ވެރިރަށް، ޑަބްލިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވިއެވެ. “ކުރިއަށް އޮތް ހަފްތާތަކުގައި މި މުހިންމު ފިޔަވަޅު އަޅަން، އިތުރު ގައުމުތަކުން އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް."

އޮސްލޯގައި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރް ސްޓްރޯރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމެއް ނެތި މެދުއިރުމަތީގައި ސުލްހަ ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި  ނޯވޭ އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަނީ އެކަމުގައި "ލިބެންޖެހޭ އެންމެހައި ޙައްޤުތަކާއި ވާޖިބުތަކާއެކު" ކަމަށެވެ.

މި ތިން ގައުމުގެ، މި ނިންމުމާ ގުޅިގެން ރުޅިވެރިކަން ފާޅުކޮށް، މި ގައުމުތަކުގައި ތިއްބަވާ އިސްރާއީލުގެ ސަފީރުން، ގައުމަށް އެނބުރިއައުމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ކެޓްޒް ވަނީ އަންގާފައެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނީ އަޔަލެންޑް، ސްޕެއިން އަދި ނޯވޭގެ ސަފީރުންނަށް ފުރައްސާރަ ކުރާނެކަމަށާއި، ހަމާސް ޖަމާއަތުން އަންހެނުން ރަހީނުކޮށްގެން ލާއިންސާނީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް  އެމީހުން ދައްކާނެ ކަމަށެވެ.

ކެޓްޒް ވިދާޅުވީ، ޣައްޒާގައި ހައްޔަރުކޮށްފައި ތިބި މީހުން އަނބުރާ ގައުމަށް ގެނައުމަށް ކުރާ މަސައްކަތަށް މިކަމުގެ ސަބަބުން ހުރަސް އެޅޭނެ ކަމަށާއި ހަމާސާއި އީރާނުގެ ޖިހާދީންނަށް އިނާމު ދީގެން ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދަވާކަމަށާއި، މީހުން މެރުމުގެ ރިޔާސަތު ވެސް ނަތަންޔާހޫ ބަލަހައްޓަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

"ބޮޑުވަޒީރު ނަތަންޔާހޫ އަދިވެސް އެ ގެންދަވަނީ ލޯ މަރައިލައިގެން، ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ގެތަކަށް ބޮން އަޅުއްވަމުން." ސަންޗޭޒް ވިދާޅުވިއެވެ. " ނަތަންޔާހޫ އެގެންދަނީ  ޓެރަރިޒަމްގެ އަމަލުތަކާއި ހައިހޫނުކަން ބޭނުން ކޮށްގެން ކުށެއް ނެތް އެއް މިލިއަނަށް ވުރެ ގިނަ ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް އަދަބު ދެމުން، އަދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން މި ހަފުތާގައި ވަނީ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމަށް އެދިފަ."

ސަންޗޭޒް އަކީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ ޔޫރަޕްގެ އެއް ލީޑަރެވެ. އަދި މެދުއިރުމަތީގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތުގެ ހައްލެއް ކަމަށް ވެސް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އީޔޫގެ މެމްބަރު އިތުރު ދެ ގައުމު ކަމަށްވާ ސްލޮވޭނިއާ އާއި މޯލްޓާއިން ވެސް ދާދިއަވަހަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ގަބޫލުކުރާނެކަމަށް އެ ދެ ގައުމުން ވަނީ ހާމަކޮށްފައެވެ. 1988 ވަނަ އަހަރުން ފެށިގެން އދ.ގެ މެމްބަރު 193 ޤައުމުގެ ތެރެއިން 140 ޤައުމަކުން ވަނީ ފަލަސްޠީނުގެ ދައުލަތް ޤަބޫލުކޮށްފައެވެ.  މީގެތެރޭގައި ރަޝިޔާ، ޗައިނާ އަދި އިންޑިއާ ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު