Thursday, 20 June 2024
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ސްޕެއިން ގައި މުޒާހަރާކުރަނީ، ފައިލް ފޮޓޯ

ނޯވޭއާއި, އަޔަލެންޑުގެ އިތުރުން ސްޕެއިން އިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމީ ކީއްވެ؟

ނޯވޭއާއި, އަޔަލެންޑުގެ އިތުރުން ސްޕެއިން އިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ ތިން ޤައުމުގެ ވެރިން ވިދާޅުވީ, މެދުއިރުމަތީގެ ސުލްޙަ ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އެ ތިން ޤައުމުން ބަލައިގަންނަން ނިންމާފައިވާ ކަމުގައެވެ.

މި ނިންމުމާއެކު، ޔަހޫދީން ރުޅިގަދަވެ، ޒަޔަނިސްޓު އިސްރާއީލުން ވަނީ, އެ ތިން ޤައުމުގައި ތިބި ޔަހޫދީންގެ ސަފީރުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ.

ނޯވޭގެ ބޮޑުވަޒީރު ޔޯނާސް ގާރް ސްޓޯރަ ވިދާޅުވީ މެދުއިރުމަތީގައި ސުލްޙަ ގާއިމު ކުރެވެން އޮތް ހަމައެކަނި މަގަކީ, ފަލަސްޠީނާއި އިސްރާއީލުގެ މިިނިވަން ދެ ދަޢުލަތް ގާއިމު ކުރުންކަން ފާހަގަކުރައްވަމުން، މޭ 28ވަނަ ދުވަހު, ނޯވޭން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނާނެ ކަމުގައެވެ.

އަޔަލެންޑުގެ ބޮޑުވަަޒީރު ސައިމަން ހެރިސް ވިދާޅުވި ގޮތުގައި، ފަލަސްޠީނުގެ މިނިވަން ކަން އެހެން ޤައުމުތަކުންވެސް ތާޢީދު ކުރާނެ ކަމަށް ޔަގީން ކުރެވޭ ކަމުގައެވެ.

ސްޕެއިނުން ވެސް ފަލަސްޠީނުގެ މިނިވަން ބަލައިގަތުމަށް ނިންމާފައި ވަނީ އެ ދުވަހުއެވެ. ސަންޗޭޒް މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ނިންމެވުމަށް, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ތާރީފުކޮށް އުފާ ފާޅު ކޮށްފައެވެ. ސަންޗޭޒް ވަނީ ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހޫނު ބަހުގެ ޙަމަލާތަކެއް ވެސް އަމާޒު ކުރައްވާފައެވެ.

ސަންޗޭޒް ވިދާޅުވީ, ދެ ދަޢުލަތް ގާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ޖައްބާރު ނަތަންޔާހޫ ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތި ކުރުވާފައިވާ އަނިޔާވެރި ހާލަތާ އެކު އެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ހުޅަނގުގެ ތިން ޤައުމުން ނިންމުމުން ސަޢޫދީ ޢަރަބިއްޔާއާއި, އުރުދުނާއި ތުރުކީވިލާތުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ފަރަންސޭސިވިލާތުން ބުނީ, ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް މިއީ އެންމެ އެކަށީގެންވާ ދަނޑިވަޅު ނޫން ކަމުގައެވެ.

ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ޚާރިޖީ ސިޔާސަތާއި ގުޅުންތައް ބައްޓަން ކުރާނެ ގޮތުގެ މިނިވަން ކަން ލިބިގެންވާ ކަމަށް އެމެރިކާއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,709 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,990 އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު