Saturday, 15 June 2024
ދެކުނު އެފްރިކާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އައިސީޖޭގައި ބޭއްވި އަޑުއެހުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: އޭއެފްޕީ

އައިސީޖޭއިން އިޒްރޭލަށް ކުރި އަމުރު ތަންފީޒު ކުރާނީ ކޮންފަރާތަކުން؟

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރަފާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އދ. ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލުގެ މައްޗަށް ހުކުރު ދުވަހު ވަނީ އަމުރު ކޮށްފައެވެ.

އދ.ގެ އެންމެ މަތީ ކޯޓުން މި އަމުރު ނެރުނީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގައެވެ.

ދެނުކު އެފްރިކާއިން ހުށަހެޅި މައްސަލާގައިވަނީ ގައްޒާގައި އިޒްރޭލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުގެ ސަބަބުން ފަލަސްޠީނުގެ އާއްމު ރައްޔިތުންނަށް ނުރައްކަލެއް އޮތް ކަމަށެވެ. އެހެންކަމުން، އިޒްރޭލުން ފަލަސްޠީނުގެ އާއްމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާހްއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރަކަށެވެ.

ދެކުނު އެފްރިކާގެ ގާނޫނީ ވަކީލުން މިދިޔަ ހަފުތާގައި އައިސީޖޭގައި ކުއްލި ފިޔަވަޅުތަކެއް އެޅުމަށް އެދިފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ދެމިއޮތުމަށްޓަކައި އިސްރާއީލުން ރަފާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމުގެ އަމުރަކަށެވެ. މިއަމުރު ނެރުނީ އައިސީޖޭގެ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުން އިއްތިފާގުންނެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ އދ. ގެ އެންމެ މަތީ ކޯޓުން ކުރި ހުކުމް ކިޔުއްވަމުން އެ ކޯޓްގެ ރައީސް ނަވާފް ސަލާމް ވިދާޅުވީ މާޗް މަހު ކޯޓުން އަމުރުކުރި ވަގުތީ ފިޔަވަޅުތަކުން، މިހާރު އިޒްރޭލު ސިފައިން އަރައިގެންފައިވާ ފަލަސްޠީނުގެ ބިންތަކާއި ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކަށް ފުރިހަމަ ހައްލެއް ނުގެނެވޭކަމާއި، އެހެން ނަމަވެސް ހުކުރު ދުވަހު ނެރުނު އާ އަމުރުގައި އެ މައްސަލަތައް ހައްލުކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައި ވާކަމަށެވެ.

"އިޒްރޭލުން، އަސްކަރީ ޙަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ. ރަފާހްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް އެޅުން ވަގުތުން ހުއްޓާލަންޖެހޭ." ސަލާމް ވިދާޅުވިއެވެ. " 800،000 މީހުން ގެދޮރު ވަނީ ގެއްލިފަ.  އެމީހުންނަށް ރައްކާތެރިކަމާއި އިންސާނީ ވަސީލަތްތައް ފޯރުކޮށްދޭ ކަމަށް އިޒްރޭލުން ބުނާ ބުނުން އަހަރެން ގަބޫލެއް ނުކުރާނަން. އެއީ އެކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތީމަ." އެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ސްޓެޕް ވައެސެން ބުނެފައިވަނީ، ކޯޓުން މިހާރު ނެރެފައިވަނީ ވަރަށް ހަރުދަނާ އަމެއް ކަމަށެވެ. އެ އަމަރުން އެނގެނީ، އިސްރާއީލުން ރަފާހުގައި ހިންގަމުންދާ ޙަމަލާތަކާއި އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.  އެތަނުން ސިފައިން ބޭލުމަށެވެ. އަދި ބޯޑަރު ހުރަސްކުރުމާ ބެހޭ ގޮތުން ވެސް ހުކުމުގައިވަނީ  އިންސާނީ އެހީ ހޯދުމަށް ވީއެންމެ އަވަހަކަށް ބޯޑަރުތައް ހުޅުވަން ޖެހޭ ކަމަށެވެ.

އަލްޖަޒީރާގައި ރިޕޯޓްކުރަމުން ވައެސަން ބުނެފައިވަނީ، ހަނގުރާމައިގެ ޖަރީމާއެއް ނެތިގެން ހިނގައިދާނެ ކަމުގެ އެއްވެސް ހެއްކެއް އެ ސަރަހައްދުން ނުދިއުމަށްޓަކައި، އދ.ގެ އޮބްޒާވަރުންނަށް ވީހާވެސް އަވަހަކަށް އެސަރަހައްދަށް ވަނުމުގެ ފުރުޞަތު ލިބެން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި ކަމަށެވެ.

މި ނެރުނު އަމުރާ ގުޅިގެން އިސްރާއީލުން އަމަލުކުރަމުންދަ ގޮތްތައް  އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ރިޕޯޓް ކުރުމަށް ވެސް އައިސީޖޭއިން ނެރުނު އަމުރުގައިވެއެވެ.

އައިސީޖޭ އަކީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް އަޑު އަހައި، އެމައްސަލަތައް ހައްލުކޮށްދޭ އދ.ގެ އެންމެ މަތީ އިދާރާ އެވެ. އެ ކޯޓްގެ ޙުކުމްތަކަކީ އެންމެ ފަހުގެ އަދި ލާޒިމު ޙުކުމްތަކަކަށްވީނަމަވެސް، މީގެ ކުރިންވެސް ވަނީ އެ ކޯޓްގެ ހުކުމްތަކަށް އިހުމާލުވެފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލުމަށް އަންގާފައި ވީ ނަމަވެސް ދުވަސްކޮޅަކަށް ހަނގުރާމަ މެދު ކަނޑާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ.

އިސްރާއީލުން ވަނީ ނަސްލު ނައްތާލުމުގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށް ބުނެ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ޣައްޒާގައި ހިންގާ އޮޕަރޭޝަންތަކަކީ އަމިއްލަ ދިފާއުގައި ހިންގާ އޮޕަރޭޝަންތަކެއް ކަމަށާއި އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމަލާދިން ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތަކެއް ކަމަށް ބުނެފައެވެ.

އައިސީސީ އަދި އައިސީޖޭގެ  އެއްވެސް ނިންމުމަކަށް އިޒްރޭލުން ތަބާނުވާނެ ކަމަށް ނަތަންޔާހޫ މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ހުކުރު ދުވަހު އައިސީޖޭއިން ނެރުނު އަމުރަކީ ޣައްޒާގައި ޔަހޫދީން ދެމުންގެދާ ހަމަލާތަކުގައި ޝަހީދުވާ ފަލަސްޠީނުގެ އާއްމު ރައްޔިތުންގެ އަދަދު ކޮންޓްރޯލްކުރުމަށާއި ޣައްޒާއަށް ލިބެމުންދާ އިންސާނީ ގެއްލުންތަކަށް ލުޔެއް ހޯދައިދިނުމަށް 15 ފަނޑިޔާރުންގެ ޕެނަލުން އިބްތިދާއީ އަމުރެއް ނެރުނު ތިން ވަނަ ފަހަރެވެ. މި އަމުރުތަކަކީ ގާނޫނީ ގޮތުން ލާޒިމް އަމުރެއް ނަމަވެސް އެ އަމުރުތައް ތަންފީޒު ކުރާނެ ފުލުހަކު އެ ކޯޓަކު ނެތެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދެފަހަރު ކިޔައިފިން ސުރުޚީގައި އޮތް ސުވާލުގެ ޖަވާބެއް ނުފެނުނު! ކޮންމެވެސް ބޭފުޅަކު އެހީތެރިވެދެއްވާ!

  2. ފަހު ޕެރެގްރާފުން އެ ސުވާލުގެ ޖަވާބު ކޮންމެ ވެސް ވަރަކަށް އެބަލިބޭއެވެ. އެ ސުވާލަކީ ދޭހައިގެ ހުޅުވާލެވިފައިވާ ލިޔުމުން ސީދާ ޖަވާބު ފެންނަން ނެތް ސުވާލެކެވެ. ލިޔުމުގެ އެންމެ ފަހު ޖުމުލަ ތަކުރާރުކޮށް ކިޔާލީމާ އެ ސުވާލުގެ ޖަވާބަށް ދެން ވާނެގޮތް ދޭހަ ވާ ހެން ހީވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު