ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މާސްޓަރ ޕްލޭންގެ ދަށުން މިހާރުގެ ސީޕްލޭން ޓާރމިނަލް ހުރި ސަރަހައްދު ބަދަލުވެގެންދާނީ ޕްރައިވެޓް ޖެޓް ޓާރމިނަލަކަށް ކަމަށް އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސް އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އެއަރޕޯޓުގެ އިތުރަށް ބޮޑުވާނެ ކަމަށާއި މިހާރުގެ ސީޕްލޭން ޓަރމިނަލް ހުޅުމާލެއާއި ޖެހިގެން އޮތް ފުލްމޫން ރިސޯޓަށް ބަދަލުކުރާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް ފުލްމޫން ރިސޯޓު މިވަގުތު ހިންގާ ފަރާތާއެކު މިހާރު ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
"މިހާރު ހިންގާ ޓަރމިނަލް ބަދަލުވާނީ ޖެޓް ޓަރމިނަލަކަށް، އެތަނުގެ މޫދު ހިއްކާފައި، އެތަނުގައި އަޅާނީ ޑޮމެސްޓިކް ޓަރމިނަލް، އެހެންވީމަ ސީޕްލޭން ޓަރމިނަލް ބަދަލުކުރާނީ ފުލްމޫން ރިސޯޓަށް، މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،" އެ ޕްރޮގްރާމުގައި ވަޒީރު ވިދާޅުވިއެވެ.
އެއަރޕޯޓްގައި މިހާރު އެއްފަހަރާ ފްލައިޓް ޕާކުކުރެވޭ ކެޕޭސިޓީ އަކީ 34އެވެ. ނަމަވެސް އައު ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއެކު 73 އެއަރކްރާފްޓް އެއްފަހަރާ ޕާކުކޮށްފައި ބޭއްވޭނެއެވެ. މިއާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް ބޮޑުތަނުން އިތުރުކުރެވޭނެއެވެ.
ހަމައެހެންމެ، އެއަރޕޯޓުގެ ފިއުލް ފާމް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރަށް ބަދަލުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާރު ކުރިއާ ޚިލާފަށް ވަކިން މަތިންދާ ބޯޓުތައް ކައިރިއަށް ފިއުލް ހިފައިގެން ލޯރީގަދާކަށް ނުޖެހޭނެ، މިހާރު އޭޕްރަންގެ އަޑިން ވަޔާކުރެވިފައި ހުރީ، އެންމެ ޒަމާނީގޮތަށް ބަދަލުކުރެވިފައި މިހުރީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭނުންވާ ސްޕީޑުގައި ވީއައިއޭ ތަރަައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިސެޕްޓެމްބަރުމަހަށް އައު ޓަރމިނަލް ހުޅުވޭނެ ކަން ފާހަގަކުރައްވަމުން، ވީއައިޕީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް މިހާރު ނިމުމާއި ގާތްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވީއައިއޭ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ދިވެހިންގެ ފަޚުރުވެރި އެއަރޕޯޓު މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދޭ ޓަރމިނަލެއް ތަރައްޤީކުރެވޭނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިއަހަރުގެ ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކުރައްވާފައެވެ.
ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މާސްޓަރ ޕްލޭންގެ ދަށުން އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެތަން ބަދަލުކުރެވޭނެއެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކުޅަދާނަ 6 މަހުން ރަންވޭ އަޑިން ހޮޅިވިއްޔާ ތިއަޅާލީ