ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާ ވަގުތުން ހުއްޓާލުމަށާއި އެ ސަހަރުން ފޭބުމަށް ބައިނަލްއަޤްވާމީ ކޯޓުން ޒަޔަނިސްޓު އިސްރާއީލަށް އަމުރުކޮށް ހުކުމެއް ނެރެފިއެެވެ.
އދގެ އެންމެ މަތީ ކޯޓު, އައިސީޖޭ އަށް ޔަހޫދީ ފައުޖުގެ މައްސަލަ ހުށަހަޅާފައި ވަނީ ދެކުނު އެފްރިކާއިންނެވެ. ދިވެހިރާއްޖެއިން ވަނީ މި މައްސަލައަށް ތާޢީދުކޮށް, ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގައި ތަދައްޚުލްވެފައެވެ.
މިމައްސަލައިގައި، ދެކުނު އެފްރިކާއިން ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ, ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ގަތުލުއާންމުތައް ހިންގަމުންދާކަމަށް ބުނެއެވެ.
ހުސްވި ހަފުތާގައި ދެކުނު އެފްރިކާއިން ވަނީ, ރަފަޙުގައި ހިންގަމުންދާ ޢުދުވާން ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް އެދި އައިސީޖޭއަށް އިތުރު މައްސަލައެއް ވައްދާފައެވެ.
ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓާލައި, ޣައްޒާއިން ފޭބުމަށް ޔަހޫދީ ފައުޖަށް އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފައިވާއިރު, މިއީ ޣައްޒާ ޢުދުވާނާ ގުޅިގެން އެ ކޯޓުން އަމުރެއް ނެރެފައިވާ ތިންވަނަ ފަހަރެވެ.
އައިސީޖޭން ޔަހޫދީންނާ ދެކޮޅަށް އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ބެންޗުގައި ހިމެނޭ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ ތާޢީދާ އެކުގައެވެ. ދެކޮޅު ހައްދަވާފައި ވަނީ ދެ ފަނޑިޔާރުންނެވެ.
އައިސީޖޭގެ ރައީސް ނަވާފް ސައްލާމް ވިދާޅުވީ, މާރިޗު މަހު އެ ކޯޓުން އަމުރެއް ނެރުނު ފަހުން, ޣައްޒާގެ ހާލަތު ބަދަލުވެފައިވާ ކަމުގައެވެ. އަދި, އެކަމަށް ރިއާޔަތްކޮށް އައު އަމުރެއް ނެރުމުގެ ވަގުތު ޖެހިފައިވާ ކަމުގައެވެ. އައިސީޖޭގެ އަމުރުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ބާރުދީފައިވާ, ޤައުމުތަކަށް އަމަލުކުރުން ލާޒިމު އަމުރުތަކެކެވެ. ނަމަވެސް, ހިތާމައަކީ, އެ ކޯޓުގެ އަމުރުތައް ތަންފީޒު ކުރާނެ ފުލުހުންގެ އިދާރާއެއް ނެތުމެވެ.
ޖަނަވަރީ މަހުވެސް އައިސީޖޭން ވަނީ ޔަހޫދީންނާ ދެކޮޅަށް އަމުރެއް ނެރެފައެވެ. ނަމަވެސް, އެ އަމުރުގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލާފައެއް ނުވެއެވެ. ހަމައެކަނި އަމުރު ކޮށްފައިވަނީ, ޢުދުވާނުގެ ތެރެއިން ޢާންމުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލުތައް ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ގަތުލުއާންމެއް ކަމުގައި އެ ކޯޓުން ކަނޑައަޅާފައިވެއެވެ.
ޔަހޫދީން ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރާފައި ވަނީ މޭ 7ވަނަ ދުވަހުއެވެ. އެއިރު, ޣައްޒާގެ ގެދޮރުނެތިފައިވާ 1.5 މިލިޔަނެއްހާ މީހުން ރަފަޙުގައި ތިއްބެވެ. ނަމަވެސް, ގަތުލުއާންމުތައް ހިންގައި, ޔަހޫދީ ފައުޖުން ވަނީ އެ ރަށުން 900,00އަށްވުރެ ގިނަ މީހުން ފައިބަން މަޖުބޫރު ކުރުވާފައެވެ.
މީގެ އިތުރުން ރަފަޙަށް އެރުމަށް ފަހު, ޔަހޫދީ ފައުޖުން ވަނީ ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އަޅާފައެވެ.