އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމަށްފަހު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން، ފޮޓޯ: އެމްޑީޕީ.

ރަފަޙްގައި ހިންގަމުންދާ ޢުދުވާން ހުއްޓައިލަން ބައިނަލްއަޤްވާމީ ކޯޓުން ކުރި އަމުރު ތަންފީޒުކުރަން އެމްޑީޕީން ގޮވާލައިފި

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި އިސްރާއީލުން ފަލަސްތީނުގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކުރި އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަޤްވާމީ ހުރިހާ އިދާރާތަކަށް ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ (އެމްޑީޕީ)ން ގޮވާލައިފިއެވެ.

އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހު ރަފާހަށް ވަދެގަނެ، ހަމަލާތައް ދޭން ފެށުމުން ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި އިއްޔެ އެކޯޓުން ޔަހޫދީން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރުކުރުމާ ގުޅިގެން، އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އައިސީޖޭއިން ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް އެ ޕާޓީން ގޮވާލާ ކަަމަށެވެ.

ހަމައެހެންމެ، އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާއިރު ބައިނަލްއަގްވާމީ އިދާރާތަކުން އެ ގައުމާއި ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ވެސް ގޮވާލާފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ޒަމާނުއްސުރެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލާފައިވެއެވެ.

"އަޅުގަނޑުމެންގެ ދުޢާއަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީ އެންމެ އަވަހަކަށް ގާއިމުވެގެން ދިޔުން،". އެ ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ރަފަހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގުޅުންހުރި:

ރަފަޙްގައި ހިންގަމުންދާ ޢުދުވާން ހުއްޓައިލަން ބައިނަލްއަޤްވާމީ ކޯޓުން އަމުރުކޮށްފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު