މަޖިލިސް އިންތިޚާބު: މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ އަދަބެއްގެ ގޮތުން ޖޫރިމަނާއެއް ނުވަތަ ޖަލަށްލުން

މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޤާނޫނުގައި ބުނާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް އެ ކުށުގެ އަދަބެއްގެ ގޮތުން 70 ހާސް ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ހުރިހާ ޚަރަދެއް ހިމެނޭ ބަޔާން ޤާނޫނުގައި ބުނާ މުއްދަތަށް ހުށަނާޅައިފިނަމަ ޤާނޫނީގޮތުން ކުށްވެރިވާނޭކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން 70 ހާސް ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީޤް މިހެން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޤާނޫނުގައި ބުނާ މުއްދަތުގައި ބައެއް ފަރާތްތަކުން މާލީ ބަޔާން ހުށަހަޅާފައި ނުވާތީއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅަންޖެހޭ މުއްދަތު މިމަހުގެ 22 ވަނަ ދުވަހަށް ހަމަވިއިރު މާލީ ބަޔާން ހުށައެޅީ 320 ކެންޑިޑޭޓުން ކަމަށާއި 48 ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށާއި، މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުންގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރިއެވެ. ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓަކު ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަންޖެހޭނެއެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލުވެސް ހުށައަޅަންޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު