ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން, ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާ

ތަރައްގީއާއި އިޖްތިމާއީ ކުރިއެރުން ހާސިލުކުރުމުގައި ޖަމުއިއްޔާތަކުގެ ދައުރު ވަރަށް ބޮޑު: ވަޒީރު

ތަރައްގީއާއި އިޖްތިމާއީ ކަންކަމާއި އެހެނިހެން ދާއިރާތަކުންވެސް ކުރިއެރުން ހާސިލުކުރުމުގައި ޖަމުއިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޖަމުއިއްޔާތަކުގެ މަހާސިންތާ ފެށުމަށް ގއ. ވިލިގިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ޖަމުއިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމުއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ އެކަން ހައްލުކޮށްދެއްވުންކަމަށެވެ. އެގޮތުން މި ފަދަ މަހާސިންތާއެއްގައި ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކުގެ ހިއްސާ އޮވެގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޖަމުއިއްޔާތަކުގެ މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއްކަން ފާހަގަކުރައްވަމުން ހާއްސަކޮށް ރައްރަށުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވާކަމެއްކަން ވަޒީރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަަކަ ދައްކަވަމުން، ވިދާޅުވީ ތަރައްގީއާއި އިޖްތިމާއީ ކަންކަމާއި އެހެނިހެން ދާއިރާތަކުންވެސް ކުރިއެރުން ހާސިލުކުރުމުގައި ޖަމުއިއްޔާތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ވުޒާރާގެ އެންމެ އިސް މަގްސަދުތަކުގެ ތެރޭގައި މަދަނީ ޖަމުއިއްޔާތައް ބާރުވެރިކުރުވުމާއި ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނޭކަމަށް އަލިއަޅުއްވާލައްވަމުން، މަދަނީ ޖަމުއިއްޔާތަކުން މުޖްތަމައު ބާރުކުރުވުމަށް ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީ ހޯދުމަށް ޕްރޮޕޯސަލްތައް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ވަރަށް މުހިންމު ފެށުމެއްކަން ފާހަގަކުރައްވައި، މި މަސައްކަތް ގއ. ވިލިންގިލީގައި ފެށިކަމުގައިވީނަމަވެސް އުތުރާއި މެދުރާއްޖެ ތެރޭގައިވެސް އަދި ވަކި ރަށްރަށުގައިވެސް މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށާއި، ޖަމިއްޔާތައް ބާރުވެރި ކުރުވުމަށްޓަކައި ބޭނުންވާ އެހެނިހެން އިންސާނީ ވަސީލައްތައްވެސް ފޯރުކޮށްދިނުމުގައި އެ ވުޒާރާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިމަހާސިންތާގައި ޤައުމީ ކުރިއެރުމަށާއި މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

60 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާ މި މަހާސިންތާގައި މަދަނީ ޖަމްޢިއްޔާތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ބައިވެރިވާނެއެވެ. އަދި ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތުގެ ގއ.އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންވެސް މަހާސިންތާގައި ބައިވެރިވާނެއެވެ.

އަދި، މި މަހާސިންތާގައި ތަފާތު އެކި މަޢުޟޫއުތަކަށް ސެޝަންތައް ނަގައިދުނުމަށް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާ ކުރިއަތް ދާނީ މިއަދުން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު