މި ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަކީ ސަރަޙައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ހެދުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޑިވަލޮޕްމެންޓު ބޭންކު ޤާއިމްކުރެވޭނީ ދުނިޔޭގެ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށެވެ. އަދި މި ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ދުނިޔޭގެ ފެންވަރު ރަނގަޅު ތަޖުރިބާކާރެއް ހޯދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ބޭންކުގެ ބޯޑުގައިވެސް ތިއްބަވާނީ ދުނިޔޭގެ އަދި ރާއްޖޭގެ ފެންވަރު ރަނގަޅު މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި އެތަން ޤާއިމްވެގެންދިޔުން ކަން ފާހަގަކުރައްވަމުން، ބޭންކުގެ ލިޔެކިޔުންތައް އެކުލަވާލާއިރު ފަންނީ އެހީދޭ ޓީމެއް ރާއްޖެ ގެންނާނެ ކަމަށާއި، އެފަރާތްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭންކިންގެ ނިޒާމު ޤާއިމްކުރުމަށް އެހީތެރިވެފައިވާ ބައެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކު ޤާއިމްވެގެންދިޔުމާއެކު ވަރަށް ގިނަ ފައިދާއާއި މަންފާ ކުރާނެ ކަމަށާއި، ފައިސާ ލިބޭނެ ގޮތެއް ނެތުމުން ބޮޑެތި މަޝްރޫޢުތައް ހުއްޓޭ ހުއްޓުމަށް، މި ބޭންކާއެކު ހައްލު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ، ރާއްޖޭގައި ގެދޮރު ޢިމާރާތްކުރުމަށް 5 އިންސައްތައަށްވުރެ ދަށުން ލޯނު ދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން، ސަޢީދު ވިދާޅުވީ ޑިވަލޮޕްމެންޓު ބޭންކާއެކު ރާއްޖޭގައި މާލީ ސިނާޢަތެއް ޤާއިމްކުރެވި ދިވެހިން ކުރިއަށްދާން ބޭނުންވާ އުސްމިންތަކަށް ދިޔުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ ބޭންކެއް ޤާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި ބޭންކު އަންނަ ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.