ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އދ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އދ ން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމާ، ބައިނަލްއަޤްވާމީ މުޖްތަމަޢާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ އަދާކޮށްދޭ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ އދ ގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާ، ރާއްޖެއަށް އދ ން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ އުންމީދު ދެ ބޭފުޅުންވެސް އައުކުރައްވަމުންނެވެ.