23 އެޕްރީލް 2025
20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުމަށް ބޭއްވި ޖަލްސާ، ފޮޓޯ: ރައްޔިތުންގެ މަޖިލިހުގެ އިދާރާ

ވިހިވަނަ މަޖިލީހުގެ 93 މެންބަރުން ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރައްވައި ވިހިވަނަ މަޖިލީހަށް ހޮވުނު 93 މެންބަރުން މިއަދު ހުވާކުރައްވައިފިއެވެ.

މެންބަރުން ހުވާކުރައްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަސިމް އަދުނާނެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ މިއަދު 10:15 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީގެ ޕީޖީން ވަނީ ފާސްކޮށްފައެވެ.

ވިހި ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރައްވައި ވިހިވަނަ ފުރިހަމަ މެޖޯރިޓީ ނަގާފައިވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެއެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިޤްރާރުގައިވަނީ ސޮއިކުރައްވާފައެވެ.

މެންބަރުން މިއަދު ހުވާކުރައްވާފައިވާއިރު، އިއްޔެ ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފައެވެ.

މި މަޖިލީހުގައި މައިނޯރިޓީ ޕާޓީ ތަމްސީލުކުރާނީ 19 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީންނެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.

އެމްޑީޕީ އަދި މަޖިލީހުގެ މައިނޯރިޓީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިޚާބުކޮށްފައެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިޚާބުކުރައްވާފައެވެ.

މި މަޖިލީހުގައި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބަވާނީ ދެ މެންބަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު