Saturday, 15 June 2024
ޕީއެންސީގެ މެންބަރުން ހުވާކުރުމަށްޓަކައި މަޖިލިހަށް ވަޑައިގަންނަވަނީ، ފޮޓޯ: މަޖިލިސް

މަޖިލީސް ރައީސް ކަމަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބުރައީސްގެ މަގާމަށް އަހުމަދު ނާޒިމް އިންތިހާބު ކޮށްފިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ތާއީދު ކުރައްވާފައެވެ.

އަބްދުއްރަހީމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަންފުޅު ވެސް މަޖިލީހުގެ ރައީސަކަށް ހުށަހެޅުއްވިއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަޙްމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އެ ނަންފުޅަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފައެވެ.
ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައިވަނީ 80 މެންބަރުންގެ ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަބްދުއްރަހީމް އިންތިހާބުވީ 71 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާއި ވާދަ ކުރެއްވި އެމްޑީޕީގެ މެމްބަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.

ނައިބް ރައީސް ކަމަށް އިންތިހާބުކުރި އަހުމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އަދި ނާޒިމްއާއި ވާދަ ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

ވިހި ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރައްވައި ވިހިވަނަ ފުރިހަމަ މެޖޯރިޓީ ނަގާފައިވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެއެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިޤްރާރުގައިވަނީ ސޮއިކުރައްވާފައެވެ.

މެންބަރުން މިއަދު ހުވާކުރައްވާފައިވާއިރު، އިއްޔެ ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފައެވެ.

މި މަޖިލީހުގައި މައިނޯރިޓީ ޕާޓީ ތަމްސީލުކުރާނީ 19 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީންނެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.

އެމްޑީޕީ އަދި މަޖިލީހުގެ މައިނޯރިޓީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިޚާބުކޮށްފައެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިޚާބުކުރައްވާފައެވެ.

މި މަޖިލީހުގައި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބަވާނީ ދެ މެންބަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު