Thursday, 20 June 2024

ވާހަކަ: އަބަދަށްޓަކައި ކަލާ (ދެވަނަ ބައި)

"ވަރަށް ދުވަސް ވެއްޖެ ނުފެންނަތާ" ގޮނޑީގައި ހަމަޖެހިގެން އިނދެ ޑޮކްޓަރ ޕީޓަރސް ބުނުއްވިއެވެ.

"އަހަރެން ހީކުރީ މިތަނަށް އައުން ހުއްޓާލީއޭ."

"ނޫނޭ ޑޮކްޓަރ، މިތަނަށް ދެއްކުން ހުއްޓައެއް ނުލަން… ހަމަ މާ ބިޒީވެގެން އެޕޮއިންޓްމަންޓެއް ނުހެދި މިދިޔައީ." ފުންނޭވާއަކާ އެކު އަހަރެން ބުނީމެވެ.

އަހަރެންނާއި ޑރ.ޕީޓަރސް އާ ދެމީހުން ދިމާވާން ފެށިތާ އަހަރުތަކެއް ވެއްޖެއެވެ. އަދި އޭޝްލީން ފިޔަވައި އަމަންޑާގެ ވާހަކަ އެނގޭނެ ހަމައެކަނި މީހަކީ ވެސް އޭނާއެވެ. އޭނާއަކީ މިހާރު ބޮލުގައި ނުރަ ޖަހާފައިވާ، ހެޔޮ ވިސްނޭ ރަނގަޅު، ހަރު އުމުރުފުރާއަށް އަޅާފައިވާ މީހެކެވެ. އޭނާއާ ވާހަކަ ދައްކާލާ ކަންކަން ޙިއްސާކޮށްލަން ފަސޭހައެވެ. މިހާ ގިނަ ދުވަސް ވީއިރުވެސް އޭނާއާ އޮތް ގުޅުމަށް ހީނަރުކަމެއް ނައިސް، ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަ ސަބަބަކީ އެއީއެވެ.

އަހަރެން މީގެ ކުރިން، އަންހެން ޑޮކްޓަރުން ހިމެނޭހެން އެހެން ތެރަޕިސްޓުންނަށް ދައްކާ ހެދިމެވެ. އެހެންނަމަވެސް، އެމީހުންގެ ފަރާތުން އަހަރެންނަށް ފަރުވާއެއް ނުލިބެއެވެ. އެމީހުން އަހަރެންގެ ކިބައިން ބޭނުންވަނީ އެހެން ކަމެކެވެ.

"ބުނޭ ރަޙްމަތްތެރިޔާ! އަހަރެންނަށް ދެއްކި ފަހުން، ދިމާވި ކަންކަމުން އަރައިގަނެ، އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟"

ޑޮކްޓަރުގެ ސުވާލާމެދު ފުންކޮށް ވިސްނާލައި، ގޮނޑީގައި ލެނގިލައި ހަމަޖެހިލީމެވެ.

"ނޫން، ނުލިބޭ، އެކަމަކު ކުރިން ބުނިހެން އަހަރެންގެ ޝައުޤުވެރިކަމެއް ނެތް އެހެން މީހަކާ ރައްޓެހިވާކަށް. އަހަރެން ބޭނުން ވަނީ މިގޮތުގަ ހަމަ ހުހަށް ހުންނަން."

ޑޮކްޓަރު ލޯކުޑަކޮށްލާފައި އަހަރެންނާ ދިމާއަށް ބަލާލިއެވެ. "އެހެންވީމަ، ކީއްވެތަ މިއަދު ތި އައީ؟"

"އަނެއްކާވެސް އަހަރެންނަށް ފެންނަމުން މިދަނީ ބިރުވެރި ހުވަފެންތަކެއް." ފުން ނޭވާއެއް ލަމުން އަހަރެން ޖަވާބު ދިނީމެވެ.

ޑރ.ޕީޓަރސް އަހަންނާ ދިމާއަށް ފުންކޮށް ބަލާލަމުން ބޯ ހޫރާލިއެވެ. "އެމީހުން އަލުން ފެންނަން ފެށީ ކޮން އިރަކު"

"މިފަހަރު ދިމާވި ކަމަކީ ކޮބާ؟" އަހަރެން ސީދާ ޖަވާބެއް ދޭނެ ކަމަށް އުއްމީދުކޮށް ޑޮކްޓަރު އަހާލިއެވެ.

"“ނޭނގެ ޑޮކްޓަރ! އެހެންވެ އަހަރެން މިއަދު މި އައީ."

"އަދިވެސް އޭޝްލީންއާ ދިމާވޭތަ؟"

ކުއްލި ހައިރާން ކަމަކާއެކު، އެއް ފަރާތަކަށް ބަލާލައި ޑޮކްޓަރުގެ ސުވާލަށް ޖަވާބު ދިނީމެވެ. "އާނ، ފެނޭ."

"އޭނާއާ ދޭތެރޭ ވިސްނޭތަ؟ ޑޮކްޓަރު ސީރިއަސް ގޮތަކަށް އަހާލިއެވެ.

"ނޫން… ނޫން… އޭނާއާ މެދު އަހަރެން ނުވިސްނަން. އޭނާއާ އަހަރެން ގުޅުމެއް ނުބާއްވަން…" ގޮނޑިން ތެދުވެ ޖީބަށް އަތް ޖަހާލައިގެން ކުޑަ ދޮރާ ދިމާއަށް ހިނގައިގަތީމެވެ.

"އަހަންނާ ހެދި އުޅުނު މަންޖެޔާ ލޭގެ ގުޅުން އޮތް މީހަކަށް ވީކަން… އެހެން ކަމެއް އޭނާއާ ދޭތެރެއަކު ނެތް…"

"އަހަރެން އެ ސުވާލު ކުރުމުން ތިހާ ކަނބޮޑުވީ ކީއްވެ؟ އަހަރެންނަށް ހީވަނީ މީހަކު ދެކު ރުޅި އަންނަނީ އިތުރު އެހެން ކަމެއް ބޭނުންވާތީ ހެން. ފަހަރެއްގައި އޭޝްލީން ނޫން ކަމަށް ވެދާނެ. ފެންނަ އެހެން އަންހެން ކުއްޖަކާ މެދު ވިސްނާ ކަމަށް ވެދާނެ… އެކަމަކު އަހަރެންނަށް ހީވަނީ، ތިޔަ ޒުވާނާއަށް އެކަނިވެރިކަން އިހުސާސްވާން ފަށައިފިހެން." ޑރ. ބުނުއްވިއެވެ.

އަހަރެން އެނބުރި ބަލާލީމެވެ. އަހަރެންގެ ދެލޮލުގައިވާ ރުޅިވެރިކަމުގެ އަސަރާއެކު ބުނީމެވެ. "އަހަރެން ބޭނުމެއް ނޫން އެއްވެސް އަންހެނަކާ އެކު އިތުރު ކަމެއް. ކިތައް ފަހަރު އެވާހަކަ ބުނަން ޖެހޭނީ ޑޮކްޓަރ؟"

"ހަމަޖެހޭ ރަޙްމަތްތެރިޔާ، ގޮނޑީގައި ހަމަޖެހިލައިގެން އިށީނދެ ބަލަ! އަހަރެން މިދައްކާ ވާހަކަ އަޑުއަހާ! ބުރަކޮށް މަސައްކަތް ކުރުން ނޫން އެހެން ކަމެއް ނެތް ކަމަށް ދުށުމަކީ ދެރަ ކަމެއް.. އަމަންޑާގެ ސަބަބުން ތިބާގެ ޖަޒުބާތުތައް މަރުވާން ދޫކޮށްލާން ވާނެތަ؟ އޭނާގެ މަރަކީ ތިބާގެ ކުށެއް ނޫންކަން ގަބޫލުކުރަން ޖެހޭ.. ތިބާ ކުރިންވެސް ބުނީމެންނު.. އެ އަންހެން ކުއްޖާއާ ބައްދަލުވުމުގެ ކުރިންވެސް އޭނާގެ ޖަޒުބާތީ މައްސަލަތަކެއް ހުރި ކަމަށް."

އަހަރެންގެ ނަފްސު ކޮންޓްރޯލު ކުރެވޭތޯ ބެލީމެވެ. އަހަރެން އެނބުރި ގޮސް ޑރ. ޕީޓަރސްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނީމެވެ. "އޭނާއަށް ޖަޒުބާތީ ގޮތުން ބައެއް މައްސަލަތައް ހުރި ނަމަވެސް އޭނާ މަރުވަމުގެ ކުރިން ލިޔެފައިވާ ސިޓީގައި ސާފުކޮށް ފާހަގަކޮށްފައި ވަނީ އަހަރެން އޭނާއާ ވަކިވުމުން އަމިއްލައަށް މަރުވީ ކަމަށް. އެކަމާ ހެދި އަހަރެންގެ ދިރިއުޅުން ފުނޑުފުނޑުވި ފަދަ.. ކިހިނެއް ދުވަހަކުވެސް އެކަމުން އަރައިގަނެވޭނީ؟ އެއީ މީހެއްގެ މަރު.. އެހެންވީމަ، ދުވަހަކުވެސް އެހެން މީހަކާ ގުޅޭނީ ކިހިނެތް؟ އަހަރެންގެ ސަބަބުން މީހަކު އަމިއްލައަށް މަރުވެގެން ދިޔައިރު..؟

ޑޮކްޓަރ ޕީޓަރސް އިށީނދެގެން އިނދެ އަހަރެން ދެއްކި ވާހަކަތައް ކަނުލާ އަޑުއަހަމުން، ފުންކޮށް ވިސްނަމުން ދިޔައެވެ.

" ޑޮކްޓަރ، އަހަރެން އެހެން އަންހެން ކުއްޖަކާ ގުޅުން ބޭއްވިޔަސް ހިތްހަމަ ޖެހުމެއް ނުލިބޭ.. އެއް ކުއްޖަކާއެކު މާ ގިނަ ދުވަހު އުޅުމުގެ ޝައުޤުވެރިކަމެއް ވެސް ނުހުރޭ، ގިނަ ދުވަސް ވާއިރަށް ވަނީ ފޫހި.. އެ އަންހެން ކުދިން އަހަންނާ ގުޅުން ބަދަހި ކުރަން މަސައްކަތްކުރާ ވަރަކަށް އަހަރެންނަށް ވެވެނީ ދުރު.. އަދި ފަރުވާ ކުޑަކުރެވޭ. އެތައް ކުދިންނާ ރައްޓެހި ވެއްޖައިން. ދެދުވަހު އެކަކާ ގުޅުމެއް ނުބާއްވަން. މިކަން ބޮޑު އާދައަކަށް ވެއްޖެ.. ވަގުތީ އުފަލަކަށް މިކަން ވެއްޖެ."

"ތިޔަ ދައްކަނީ މާ ކަމުދާ ވާހަކައެއް ނޫން.." ބޯ ހޫރާލަމުން ޑރ. ބުނުއްވިއެވެ.

"ނޯ އިމޯޝަންސް، ހަނދާންވޭތަ ޑޮކްޓަރ ޕީޓަރސް؟"

ޑޮކްޓަރ ފުން ނޭވާއެއް ލަމުން ގޮނޑިން ތެދުވިއެވެ. "އަހަންނަށް ހަމަ ހީވަނީ ކަލޭ އަދި ރަނގަޅު އަންހެން ކުއްޖަކު ހޯދަން ބޭނުން ނުވާ ހެން. އެކަން ކުރަންވެސް ޖެހޭނެ.."

"އަހަންނަށް އަދި ރަނގަޅު އަންހެން ކުއްޖަކު ނުފެނޭ. އެކަމަކާ އަދި މާ ބޮޑަކަށް ނުވެސް ވިސްނަން. އަސްލު އަހަންނަކީ ކާކުކަން އެކުދިންނަށް ހޯދައި ބެލިދާނެ.. އެއީ އަހަންނާ ބެހޭ ކަމެއް ނޫން… އަހަރެންގެ މާޒީންވެސް ފެނިގެންދާނީ އެކަން.."

"އަހަރެން މި ލިޔެދިނީ ނިދުމާ ގުޅޭ ބޭހެއް."

ބޭސް ސިޓީ، އަހަރެންގެ އަތަށް ދިއްކޮށްލަމުން ޑޮކްޓަރ ޕީޓަރސް ބުނުއްވިއެވެ. "ނިދުމުގެ ކުރިން އެއް ގުޅަ ކާލާ.. މިބޭސް ބޭނުން ކުރުމުން ހަމަޖެހުމެއް ލިބިދާނެ..  އިރާދަކުރެއްވިއްޔާ ކޮންމެވެސް ވަރަކަށް އަރާމު ކުރެވޭނެ. އެކަމަކު ބިރުވެރި ހުވަފެންތައް ފެނިދާނެ. ކުރިމަތިވެގެން އުޅޭ މައްސަލައަށް ނިމުމެއް ގެނެވޭނީ ހަމައެކަނި ކަލެއަށް… އަމިއްލައަށްވެސް މަސައްކަތްކޮށްގެން"

"އަންނަ ހަފުތާގަ އަނެއްކާވެސް ދައްކާލަންވާނެ، އެޕޮއިންޓްމަންޓް ހަދަން ހަނދާން ނައްތާ ނުލާތި!"

ޑޮކްޓަރުގެ ރޫމުން ނިކުންނަށް ހިނގައިގެން ތަނުން، އޭޝްލީންގެ މެސެޖެއް ލިބިއްޖެއެވެ.

"މިރޭ ބައްދަލުކޮށްލަމާ ހިނގާ. ކުލަބު އެސް ގަ، މަޖާކޮށްލަން.."

ކްލަބު އެސް އަކީ ހަމައެކަނި ސައިތައްޓެއް ބޯލަން ދާ ތަނެއް ނޫނެވެ. އެތަނަށް ދިއުމުން ލޫޅާފަތި ރީތި އަންހެން ކުދިން ފެންނާނެއެވެ. އެކުދިންނާ ދިމާއަށް ބަލާ ނުލައި ނީނދެވޭނެއެވެ. އެތަނުން ދިމާވާ އަންހެން ކުދިން އަހަރެންގެ ގެއަށް ގެނެވުނު އަދަދެއްވެސް ނޭނގެއެވެ. ކުލަބު އެސް އޭ ކިޔަނީ ކަމެއް ނެތީމައެއް ނޫނެވެ.

ޑޮކްޓަރ ޕީޓަރސްއަށް ދެއްކުމަށްފަހު ހިތްހަމަ ޖައްސާލަން ބޭރަށް ނިކުމެލަން ބޭނުންވިއެވެ.

އަހަރެން އޭޝްލީންއަށް ޖަވާބު ދިނީމެވެ. "މިރޭ 8:30 ހާއިރު އެތަނުން ބައްދަލުކުރާނަން."

"ވޮންޑަރފުލް، އަހަރެން އިންތިޒާރު ކުރާނަން، އަދި، ލާނީ އަހަރެންގެ އަތުގައި އޮތް އެންމެ ރީތި ހެދުން." އޭޝްލީން ޖަވާބު ދިނެވެ.

*****

އަހަރެން ޕެންޓް ހައުސްއަށް ވެދެ، ކަސްރަތަށްދާ ހެދުން އެޅީމެވެ. ދަބަސް ހިފައިގެން ޑެނީއާ އެކު ޖިމަށް ދާން ނިކުތީމެވެ.

ރަނގަޅު ވޯކް އައުޓެއް ހަދާލަން އަހަރެން ބޭނުންވިއެވެ. ޑޮކްޓަރަށް ދެއްކުމުން ލިބުނު ހާސްކަން ފިލުވާލުމަށެވެ. އަހަރެން ދުވަހަކުވެސް ދުރުނުވެވޭ ވަރަށް ކުއްޖަކު ދެކެ ލޯތްބެއް ނުވާނަމެވެ. އަހަރެން މީހަކާ އިންނާކަށް ނުވިސްނަމެވެ.

ނިއުޔޯކުގައި މަގުމަތީގައި ހިނގަމުންދިޔަ އިރު، އަހަރެންގެ ކުރިކަނޑާ ކުދިންތައްވެސް އުޅެއެވެ. ހަ މޭލަށް ދުވެލުމަށް ފަހު، ސްޓެފަނީއާއެކު ވަގުތުކޮޅެއް ހޭދަކޮށްލައި ހިތްހަމަ ޖައްސާލީމެވެ. ކޮންމެއަކަސް މިއަދުގެ ހެދުނު ވޯކް އައުޓް ވަރަށް ކާމިޔާބެވެ. އަހަރެންނަކީ ކާކުކަން ސްޓެފަނީއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެން އަންހެން ކުދިންނަށްވުރެ އޭނާ ސާދާ ކަން އަހަރެންނަށް އެނގެއެވެ. އޭނާ މާގިނަ ސުވާލުތަކެއް ނުކުރާނެއެވެ. އެ ކުރާ ކަމެއް ކޮށްލީމަ ނިމުނީއެވެ. ހިތްހަމަޖެހޭފަދަ ވަގުތުކޮޅަކަށްފަހު އޭނާއަށް އަލްވަދާޢު ކީމެވެ.

ހިނިތުންވުމާއެކު އަހަރެން ޖިމުން ނިކުމެގެން އައިސް ކާރަށް އެރި ވަގުތު ޑެނީ އަހަރެންނާ ދިމާއަށް ބަލާލިއެވެ.

"ހާދަ ހިތްހަމަޖެހިފަ ހުރިހެން ހީވެޔޭ… މިއަދު ރަނގަޅު ވޯކްއައުޓެއް ހެދުނު ދޯ؟.." ޑެނީ ބުންޏެވެ.

"އާނ ޑެނީ، ތި ބުނީ ތެދެއް.." ބޯ ޖަހާލަމުން އަހަރެން ބުނީމެވެ.

އެނބުރި ޕެންޓަހައުސްއަށް އާދެވުމުން، ޖިމް ދަބަސް އަލަމާރިއަށް ލުމަށްފަހު،  އަހަރެން މިސްރާބު ޖެހީ ތާޒާވެލަން ފެންވަރާލުމަށެވެ.

އަލަމާރިން ކަޅުކުލައިގެ އަރްމާނީ ސޫޓާއި ހުދު ގަމީސް ނެގީމެވެ. މިއީ ކުލަބަށް ދާން ލާން އެންމެ ރަނގަޅު ހެދުމެވެ. ބޮލުގައި ފުނާއަޅާލައިގެން ސޫޓް އަޅައިގެން ކާގެއަށް ވަނީމެވެ. ކާގޭގައި، ޑެނީ އާއި ކްލޭއާ ވާހަކަދައްކަން ތިއްބެވެ.

“ޑެނީ، އަހަރެން ބޭނުންވޭ މިރޭ ކްލަބްއަށް ގޮސްލަން.. އެތަނަށް ވައްޓާލީމަ ނިމުނީ އިނގޭ.."

" ނިމުނީމަ އެނބުރި ގެއަށް އަންނަން ކާރު ބޭނުން ނުވާނެތަ؟ ޑެނީ އަހާލިއެވެ.

"ބޭނުމެއް ނުވާނެ…  އަހަރެން މިދަނީ އޭޝްލީންއާ ބައްދަލުކުރަން.. ނިމުނީމަ އޭޝްލީން އަހަރެން ގެއަށް ފޮނުވައިދީފާނެ.."

ޑެނީ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

"ދިއުމުގެ ކުރިން އެއްޗެއް ކާލަން ވާނެންނު؟" ކްލޭއާ އަހާލިއެވެ.

"ނޫން. ކުލެއާ، ރަނގަޅުވާނެ. މިވަގުތު އެއްޗެއް ކާނެ ކަމެއް ނެތް.."

ގަޑިއަށް ބަލާލިއިރު އިރުއޮއްސި 6:30 ވެއްޖެއެވެ. އަހަރެން ބޭނުންވީ އޭޝްލީން ކުލަބަށް ދިއުމުގެ ކުރިން ދާށެވެ. އެތަނުގައި އަހަރެން ވާހަކަ ދައްކަން ޖެހޭ މީހަކު ހުރެދާނެތީއެވެ. އަދި، އަހަރެން ބޭނުންވީ އޭނާ އައުމުގެ ކުރިން އެއްޗެއް ބޯލައި ހަމަޖެހިލައިގެން އިންނާށެވެ.

ރޭގަނޑު 7:00 އެހާކަންހާއިރު ކްލަބަށް އާދެވުނު އިރު، އެހާ ކުރިން އެތަނަށް މީހުން ތޮއްޖެހިފައި އޮތުމުން އަހަރެން ހައިރާންވިއެވެ. ބާރގެ ކައިރިން ހިނގާފައި ގޮސް އަހަރެން އިށީނީ އަހަރެން އާންމުކޮށް އިންނަ މޭޒުކައިރީގައެވެ. އަހަރެން ފެނުމާއެކު، އަހަރެން އެންމެ ގަޔާވާ ވެއިޓަރު ރެބެކާ އަހަރެންނާ ދިމާއަށް ހިނގައިގަތީ ހިނިތުންވުމާއެކުގައެވެ.

"ގުޑް އިވިންގ، މިސްޓަރ ބްލެކް. ކޯޗެއް ގެންނަންވީ؟"

އޭނާގެ މޫނު މަތިން ފެންނަނީ ހިނިތުންވުމެވެ. ހިތް ދަމައިގަންނަފަދަ ޖާދޫގެ އަސަރެއް އޭނާގެ މޫނުމަތީގައިވެއެވެ. އެއީ ވިއްސަކަށް އަހަރުވެފައިވާ ޒުވާން ޖިންސުއްލަތީފެކެވެ.

އަހަރެން އޭނާއާ ޖެއްސުން ކޮށްލީމެވެ. އަދި ގެންނަންވާ އެއްޗެހީގެ މެނޫ ދިނީމެވެ.

އަހަންނާ ދިމާއަށް އެނބުރި ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުއިންތައް ގެނެސް މޭޒުމަތީގައި ބަހައްޓައިފިއެވެ.

"ދެން ކޮންކަމެއް ބޭނުންވަނީ؟ މިސްޓަރ ބުލެކް.." ރީތިކަމުން ފުރިގެންވާ ޒުވާން ވެއިޓަރު އަހާލިއެވެ.

އަހަރެން ހިނިތުންވެލަމުން ބޯ އަރިކޮށްލީމެވެ. "އަހަންނަށް އެނގޭ ތިބާއަށް އަހަންނަށް ކޮށްދެވޭނެ ކަމެއް."

އެހެން ބުނެފައި ގޮނޑިން ތެދުވެ، އެތަނުން ނިކުމެގެން ގޮސް، ދެމީހުން އެކަހެރިވެލީމެވެ. ހިނގާ ދިޔައީ ވާނެ ކަމަށް އުއްމީދުވެސް ނުކުރާ ފަދަ ކަމެކެވެ. އަހަރެންނަށް އޭނާ ހިތް ކިޔައިފިއެވެ.

އަނެއްކާވެސް އެނބުރި އައިސް އަހަރެން ކުރިން އިން މޭޒު ކައިރީގައި އިށީނީމެވެ. ގަޑިއަށް ބަލާލިއިރު 8 ޖަހައިފިއެވެ. އޭޝްލީން އައުމުގެ ކުރިން، އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވިއްޖެއެވެ.

އިސް އުފުލާލި ތަނުން، އޭޝްލީން މޭޒު ކައިރީގައި އިށީނދެއްޖެއެވެ.

"އޭޝްލީން، އަހަރެން ހީކުރީ ތިބާ އަންނާނީ 8:30 ގެ ފަހުން ކަމަށް.."

"ނައިސް ޓު ސީ ޔޫ ޓޫ، ލޯބީ.، އަހަރެންގެ ކޯތާފަތުގައި ބޮސްދެމުން އޭޝްލީން ބުނެލިއެވެ. އަދި އަހަންނާ ދިމާއަށް ނަޒަރު ހިންގާލިއެވެ.

"ކޯޗެއް؟ ކީއްވެ ތިހެން ތި ބަލަނީ؟” އަހަރެން އަހާލީމެވެ.

"އެހެރަ ވެއިޓްރެސް އާ އެކީގަތަ ތި އައީ؟

އޭޝްލީން މިހެން އެހުމާއެކު، އަހަރެން ބިއްލޫރި ތަށި ނަގައި ބުއިމެއް ބޯލަން ފެށީމެވެ.

"އެއީ ކަލެއާ ބެހޭ ކަމެއް ނޫން އޭޝްލީން… އަހަރެމެން ދެމީހުންނަކީ މީގެ ކުރިންވެސް ރައްޓެހިން.. މިކަމާ މާ ބޮޑަށް ކަންބޮޑު ނުވޭ."

ތިރިއަށް ބަލާލުމަށްފަހު ފަހަތަށް ޖެހިލާފައި އަހަރެންނާ ދިމާއަށް އޭނާ ބަލާލިއެވެ. "ލޯބީ، އަހަރެން ކަލޭއާ ވާހަކަ ދައްކަން ޖެހޭ ކަމެއް އެބައޮތް، އެކަމަކު ފުރަތަމަ އަހަރެން ބޭނުންވަނީ ނަށާލަން. އަހަރެން އެނބުރި އަންނާނަން އެ ވާހަކަ ދައްކަން."

އަހަރެން ފުންނޭވާއެއް ލީމެވެ. އޭނާ ތެދުވެގެން ގޮސް ޑާންސް ފްލޯރ އަށް އެރިއެވެ. ރެބެކާ ކައިރި ބުނެގެން އިތުރު ދެތިން ބުއިން އޯޑަރު ކޮށްލީމެވެ. އަހަރެން އިށީނދެގެން އިންއިރު، ރީތި ރީތީ އަންހެން ކުދިން އަހަރެންނާ ދިމާއަށް ބަލަމުން ހިނިތުން ވަމުން ދިޔައެވެ. އެއިން ދެތިން ކުއްޖަކު އަހަރެންނާ ދިމާއަށް ނަޒަރު ހުއްޓުނު ނަމަވެސް، އެކަމަށް ސަމާލުކަމެއް ނުދެވުނީ، ކުއްލިއަކަށް އޭޝްލީން އަހަރެންގެ ފަހަތުން އައިސް ބައްދާލުމުންނެވެ.

"އެ ވާހަކައަށް މިހާރު ތައްޔާރުތަ؟" އޭޝްލީން އަހާލިއެވެ.

އަހަރެން އޭނާގެ އަތުގައި ހިފީމެވެ. އަހަރެންނަށް ބޮވުނު އެއްޗެއްގެ ސަބަބުން އޭނާ ދައްކަން އުޅޭ ވާހަކަ އަޑުއެހުމުގެ މާ ބޮޑު ޝައުޤެއް ނެތެވެ.

އަހަރެން އަނެއް ކާވެސް ރެބެކާއަށް ގޮވާލުމަށްފަހު އިތުރު ބުއިމަކަށް އޯޑަރު ކުރީމެވެ.

"ލޯބީ، އަހަރެމެން ވާހަކަ ދައްކަންޖެހޭނެ.." އޭޝްލީން ބުނެލިއެވެ.

އަހަރެން އޭނާއާ ދިމާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް ލީމެވެ. "އޭޝްލީން، ކޮން ވާހަކައެއް ދައްކަން ބޭނުންވަނީ؟"

"އަހަރެމެން ދެމީހުން ދިމާވާން ފެށިފަހުން މިހާރު އަހަރެއް ވަނީ.. އަހަރެންނަށް ހީވަނީ އަހަރެމެންގެ ގުޅުން އިތުރަށް ބަދަހި ކުރަންޖެހޭ ހެން.." އޭޝްލީން ބުންޏެވެ.

އަހަރެން އަނެއްކާވެސް ބުއިން ބޯލަމުން ސީދާ އޭނާގެ ލޮލަށް ބަލާލީމެވެ. "ކޮން ވާހަކައެއް ތި ދައްކަނީ؟ އިތުރަށް ގުޅުން ބަދަހި ކުރާށޭ؟.. ކިތައް ފަހަރު އެވާހަކަ ބުނަން ޖެހޭނީ؟"

އަހަރެން ބުނާ ކޮންމެ ބަހަކުން، އޭނާގެ ލޯމަތިން، ރުޅިވެރިކަން ބޮޑުވަމުން ދިޔަ ތަން ފެނުނެވެ. ދަތްދޮޅީގައި ހިފަހައްޓައިގެން ހުރެ އަހަރެންނާ ދިމާއަށް އޭނާ އިނގިލި ދިއްކޮށްލިއިރު ތުރުތުރު ލައެވެ.

"އަހަރެމެން އެކުގައި އުޅޭތާ އަހަރެއް ވެއްޖެ، އެކަމަކު އަދިވެސް ފެންނަނީ އެހެން އަންހެން ކުދިން ދޯ؟ މިކަން ހުއްޓާލަން ޖެހޭނީ، ލޯބީ…! އަހަންނަށް އެނގޭ އެ މަރުގެ އިޙްސާސް ކަލޭ ކުރާނެ ކަން.. އަހަންނަށް އިޙްސާސް ކުރެވޭ.." އޭޝްލީން ބުނެލިއެވެ.

އެންމެ ފަހު ކޯވަރު ބޯލުމަށްފަހު ބިއްލޫރި ތަށި މޭޒުމަތީގައި ބެހެއްޓީމެވެ. އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު، އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. ޖަހަމުންދިޔަ މިއުޒިކަށްވުރެވެސް ބާރަށެވެ. ކޮންޓްރޯލުން ނެއްޓި ރުޅިގަދަވިއެވެ.

"އަހަރެންގެ އެއްވެސް އިހުސާސެއް ކަލެއާ މެދަކު ނެތް އޭޝްލީން! އަހަރެން ކަލެއާ ދޭތެރޭ ހަމްދަރުދީއެއް ނުވަން.. މިކަން ހުއްޓާލަން ޖެހޭ އޭޝްލީން.. އަހަރެން މި ވާހަކަ މި ބުނަނީ ކަލެއަށް ރަނގަޅަކަށް… ކެލޭގެ ފަރާތުން އަހަންނަށް ލިބޭނެ އެއްވެސް އުފަލެއް ނެތް… ހަމައެކަނި ވަގުތީ އުފަލެއް ފިޔަވާ.."

އޭޝްލީންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭޝްލީން އަހަރެންގެ ގައިގައި ތަޅަން ފެށިއެވެ.

"ތީތަ އަހަރެންނަށް ދޭ އިނާމަކީ ރަނގަޅަށް ކަންތައް ކުރީމަ؟ ބާރުގަދަ އަޑަކުން އޭޝްލީން ހަޅޭއްލަވައިގަތެވެ.

އަހަރެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނީމެވެ. އޭނާއަށް، އަހަރެން އަނިޔާދިން ކަމަށް ބުނި ނަމަވެސް އަހަރެން އެކަމަކާ މާ ބޮޑު ފަރުވާލެއް ނެތެވެ. އޭނާ އެ އުއްމީދު ކުރާ ކަންތައް އަހަރެންނަށް ކޮށްދެވޭކަށް ނެތެވެ. އެކަމާ އޭނާ އުޅުމަކީ އޭނާގެ މޮޔަ ކަމެވެ.

އޭޝްލީން ހަރު ހިނގުމެއްގައި ނިކުމެގެން ހިނގައްޖެއެވެ.

އަހަރެން އެންމެ ފަހު ކޯވަރު ހުސްކޮށްލީމެވެ. އަހަންނަށް އަނެއްކާވެސް އިޙްސާސްވީ އެހެން އަންހެން ކުއްޖަކު އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިން ކަމެވެ. އޭނާގެ ރީތިކަމާ ހެދި އާޝޯޚްވިއެވެ.

އަހަރެން އޭނާއާ ވާހަކަދައްކަން ފެށީމެވެ. ކޮނޑުއަރުވާލުމަށްފަހު ޑާންސް ރޫމާ ދިމާއަށް ހިނގައިގަތީމެވެ. އޭނާވެސް އަހަރެންނާއެކު އައެވެ.


(ނުނިމޭ…)

 

އެއްވަނަ ބައި ކިޔާލަން:

ވާހަކަ: އަބަދަށްޓަކައި ކަލާ (އެއްވަނަ ބައި)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު