ޔޫރޯ 2024ގެ ހުރިހާ މެޗެއް ޓީވީއެމާއި ޔެސްޓީވީން ވަގުތުން ބަލާލެވޭނެ

އަންނަ މަހުގެ 14 ވަނަ ދުވަހު ޖަރުމަނުވިލާތުގައި ފަށާ މަަޝްހޫރު ފުޓްބޯޅަ މުބާރާތް، ޔޫރޯގެ ހުރިހާ މެޗެއް ވަގުތުން ދެއްކުމުގެ ޙައްޤު، ދައުލަތުގެ މީޑިޔާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހޯދާފައިވާ ކަން ކަށަވަރުވެއްޖެއެވެ.

ޕީއެސްއެމުން މިހާރު އަންނަނީ މެޗުތައް ލައިވްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ތައްޔާރުވަމުން ކަން އެނގިފައިވެއެވެ. އަދި ރާއްޖޭގައި ދިވެހި ޗެނަލަކުން ލޯކަލައިޒްކޮށްގެން ޔޫރޯ ގެނެސްދޭނީ ހަމައެކަނި ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން ކަން އެނގިފައިވެއެވެ.

ޔޫރޯގެ މެޗުތައް ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނީ އެޗްޑީ ކޮލިޓީގައި، ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭގޮތަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މެޗްތައް ގެނެސްދޭއިރު ކޮންޓިނިއުޓީ ޝޯ ހިމެނޭގޮތުން މުބާރާތުގެ ފޯރި ދިވެހީންގެ މެދުގައި އިތުރުކުރުމަށް، ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން ދަނީ ތައްޔާރުވަމުންނެވެ.

ޔޫރޯގެ މެޗުތައް ރާއްޖޭ ގަޑިން ދިމާވަނީ ރާއްޖޭ ގަޑިން މެންދަމު 12:00، ހަވީރު 6:00 އަދި ރޭގަނޑު 9:00 އާއެވެ.

މި މުބާރާތް، ޖަރުމަނުވިލާތުގެ 10 ސިޓީއެއްގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ޔޫރަޕްގެ 24 ޤައުމަކުން ވާދަކުރާނެއެވެ. މި ޤައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.

މި މުބާރާތުގައި، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ފްރާންސްގެ އެމްބާއްޕޭ، ތުރުކީގެ ކިނާން ޔިލްޑިޒް،ޖަރުމަންގެ ޖަމާލް މުސިއާލާއިންގްލަންޑްގެ ޖޫޑް ބެލިންހަމް، ސްޕެއިންގެ ލެމިން ޔަމާލް، ޑެންމާކްގެ ރަސްމުސް ހޮލަންޑް، ނެދަލަންޑްސްގެ ޒަވީ ސިމޯންސް ފަދަ މަޝްހޫރު އެތައް ކުޅުންތެރީންނެއް ފެނިގެންދާނެއެވެ.

ދިވެހިން ބޮޑު ޝައުޤުވެރިކަމެއް ދޭ ޔޫރޯ ފުޓްބޯޅަ މުބާރަތަކީ ވޯލްޑް ކަޕް މުބާރާތް ނަގާފައި ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ފޯރިގަދަ މުބާރާތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު