ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙުގައި، ޞިއްޙީ ފަރުވާދޭ ހަމައެކަނި ހަސްފަތާލު ޔަހޫދީ ފައުޖުގެ ޢުދުވާނާ ގުޅިގެން ބަންދު ކުރަން ޖެހޭފަދަ ޙާލަތަކަށް ގޮސްދާނެ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސް އޮފިޝަލެއް ވިދާޅުވީ, ރަފަޙަށް އެއްގަމު މަގުން އަރައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާކޮށްފި ނަމަ, އެތަކެއް ސަތޭކަ މުސްލިމުންގެ ފުރާނަ ގެއްލިގެންދާނެ ކަމުގައެވެ.
ޔަހޫދީ ފައުޖުން ރަފަޙުގެ ޢުދުވާން ފުޅާކޮށްފި ނަމަ, އެ ރަށުގައި މިހާރު ހުރި ހަމައެކަނި ހަސްފަތާލު ބަންދު ކުރަން ޖެހޭނެ ކަމަށާއި, އެއަށްފަހު ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނީ ވަގުތީ ގޮތުން ބޭނުން ކުރަމުންދާ ޞިއްޙީ މަރުކަޒުތަކުގައި ކަމަށާއި، ނަމަވެސް, އެއީ ފުރިހަމަ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ތަންތަން ނޫން ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއިރުން ގިނަ ޢަދަދެއްގެ މުސްލިމުންގެ ފުރާނަ ގެއްލިގެންދާނެ ކަމުގައި ޕީޕަރކޯން ވިދާޅުވިއެވެ.
ރަފަޙުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ރެފިއުޖީން ތިބި ފޭލިގެތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ. މި ގޮތުން, ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ސަރަޙައްދަކަށް ދާދިފަހުން ރަޙުމު ކުޑަ ޙަމަލާއެއްދީ, 45 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
ޔަހޫދީ ފައުޖުން ވަނީ ރަފަޙުގެ ހުޅަނގުން އޮތް އަލް-މަވާސީގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށް އަނިޔާވެރި ޙަމަލާއެއްދީ, 21 މީހުން ޝަހީދު ކޮށްލާފައެެވެ. އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ވެސް ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި, އުމުރުން ދުވަސްވީ މީހުންނެވެ.
ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ މައިގަނޑު އެއް އަމާޒަކީ, އެ ސަހަރުގައިވާ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް ނައްތައިލުމެވެ. ސުންނާތި ކޮށް، ޣައްޒާގެ މުސްލިމުން ޞިއްޙީ ފަރުވާއިން މަހުރޫމު ކުރުވުމެވެ.
މޭ 6 ވަނަ ދުވަހު ޔަހޫދީ ފައުޖުން ރަފަޙުގެ ޢުދުވާން ފެށުމުގެ ކުރިން, ޣައްޒާގައި ބިކަކޮށް ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަމުން ގޮސްފައި ވަނީ މިޞްރު މަގުން ރަފަޙުންނެވެ. ނަމަވެސް, ރަފަޙުގެ ސަރަޙައްދީ ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސް, ކާބޯތަކެތި ވެއްދުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. މިއާ އެކު, ޣައްޒާއަށް ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް ހުއްޓުނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,096 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000 އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 81,136އަށް އުފުލިފައެވެ.