Saturday, 22 June 2024
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން ރާއްޖޭގެ 15 އަތޮޅެއްގައި އަލަަށް ޕަބްލިކް ވާރކްސް ސައިޓް ގާއިމްކުރަނީ، ފޮޓޯ: އާންމު މަސައްކަތްތަކާއިބެހޭ ވުޒާރާ،

ރާއްޖޭގެ 15 އަތޮޅެއްގައި އަލަަށް ޕަބްލިކް ވާރކްސް ސައިޓް ގާއިމްކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ރާއްޖޭގެ 15 އަތޮޅެއްގައި މުޅިން އަލަށް ޕަބްލިކް ވާރކްސް ސައިޓް ގާއިމްކުރުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން އިފްތިތާޙު ކޮށްދެއްވުމަށް ސްޓެލްކޯ މާލަމްގައި ވުޒާރާގެ ފަރާތުން މިޔަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ޕަބްލިކްވާރކްސްގެ ކުރިމަގަށް އަޅުގަަނޑުމެންނަށް މިހާތަނަށް ދެއްވާފައި ހުރި މަޢުލޫމާތަށް ބަލައި އިރު އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ ކަމަކީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވާރކުސްގެ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ދެއްވާފައިވާ އިރުޝާދެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަލަށް ގާއިމްކުރާ ސައިޓްތައް ގާއިމްކުރެއްވި ނަމަވެސް، މިހާރު ހުރި ސައިޓްތަކުގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަމަށާއި، އެ މަސައްކަތްތައް މިހާރު ވެސް ކުރައްވަމުން ގެންދަވާކަމަށެވެ. މިއަދު މިފެށޭ މަސައްކަތުގެ ބައްދަލުވުމަކީ ވެސް އޭގެ ތެރެއިން ކުރިއަށް ގެންދެވޭ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޕަބްލިކް ވާރކްސް ސައިޓުތަކުގައި ހުރި ވަސީލަތްތަކަކީ އޭގެ ޒާތުގައި ފަންނީ ބޭފުޅުންނަށް ކުރެވޭނެ ކަންތައްްތަކެއް ކަމަށް ވާތީ އެ ވަޞީލަތްތައް ބޭނުންކުރައްވާ ބޭފުޅުންނަށް ތަމްރީނާއި މަޢުލޫމާާތު ފޯރުކޮށްދެވޭނެ. މީގެ އިތުރަށް ޕަބްލިކް ވާރކްސް ހިނގަމުންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި އެކު"

ވަޒީރު ވިދާޅުވީ ރާއްޖޭގައި ޕަބްލިކް ވާރކްސްގެ ޚިދުމަތް ދެމުންގެންދާތާ ގާތްގަޑަކަށް 30 އަހަރުވެފައިވާ އިރު ރާއްޖޭގެ ގިނަ ޕަބްލިކް ވާރކްސް ސައިޓްތައް ހުރީ ވީރާނަވެފައިކަމަށާއި އެ ފަދަ ތަންތައް ވެސް ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިއުުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ މާލީ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަފީޤެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މާލީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޕަބްލިކް ވަރކްސްގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއްކަމާ އެ ޚިދުމަތުގެ ސަބަބުން ދައުލަތުގެ ޚަރަދުބަރަދުތައް އެތައް ގުނައެއް ކުޑަކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ބައިވެރިންގެ ކިބައިން ވަޒީރު އެދިލެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޕަބްލިކް ވަރކްސް ޚިދުމުގައި އަތޮޅުތެރޭގެ 7 ސަރަޙައްދެއްގައި ހިނގަމުންދާ ޕަބްލިކްވަރކްސް ޔުނިޓްތަކުގެ ވެރިންނާއި އިދާރީ ބައެއް މުއައްޒިފުންގެ އިތުރަށް ވުޒާރާގެ ބައެއް ވެރިންނާއެކު ޖުމްލަ 37 ބޭފުޅުން ބައިވެރިވެލައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު