އާންމުންގެ ޝަކުވާ ބޮޑު
މާލޭގެ މަގުތައް ތޮއްޖެހުމުގެ އެންމެ ބޮޑު ދަތިކަމެއް ކުރިމަތި ވަނީ އާންމު ރައްޔިތުމީހާއަށެވެ. ހަތަރު ފުރޮޅު ނުވަތަ ދެ ފުރޮޅުލީ އުޅަނދުތަކަށްވެސް މާލޭގެ މަގުތަކުގައި ދުއްވުމަކީ ދަތި ކަމެކެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ބަރޯސާވާ ޓެކްސީތައްވެސް މިހާރު މާލޭގެ އެތެރޭ މަގުތަކުގައި ދަތުރުކުރަން ދެކޮޅު ހަދައެވެ. އަދި މާލޭގެ އެއްތަނުން އަނެއްތަނަށް ދިޔުމަށް ޓެކްސީއެއް ހޯދުމަކީވެސް ބޮޑު ތަކުލީފެކެވެ.
ކުރީ ސަރުކާރުން ފާހަގަކޮށްފައިވާ ކަންކަން
2021 ވަނަ އަހަރު، މާލެ ސަރަހައްދުގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 10،000 ވެހިކަލް އެބަހުރި ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.
ޖަޕާނުން އިސްނަގައިގެން ވާޗުއަލްކޮށް ކުރިޔަށް ގެންދާ އެންވަޔަރަމެންޓަލީ ސަސްޓެއިނަބަލް ފޯރަމް އިން އޭޝިއާގައި ކުރީގެ މިނިސްޓަރު ޝައުނާ ވަނީ ރާއްޖޭގައި ވެހިކަލް އިތުރުވާ ރޭޓާ މެދު ކަންބޮޑުވާ ކަން ހާމަކުރައްވާފައެވެ. އަދި ވިދާޅުވީ ރާއްޖޭގައި އަހަރެއްގެ މައްޗަށް ވެހިކަލް އިތުރުވާ ރޭޓު 7،953 ގައި ހުރި އިރު، އެހެން ސަރަހައްދުތަކަށް ވުރެ މާލެ ސަރަހައްދުގައި ވެހިކަލް ހުރި އަދަދާ މެދު ޚާއްސަކޮށް ކަންބޮޑުވާ ކަމަށެވެ. ވެހިކަލްތައް ހުރި އަދަދާ މެދު ޝައުނާ ކަންބޮޑުވުން ފާޅުކުރެއްވީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ މައުލޫއަށް ވާހަކަދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމް ހާއްސަކުރީ އެންވަޔަރަމެންޓަލީ ސަސްޓެއިނަބަލް ޓްރާންސްޕޯޓް (ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ދަތުރުފަތުރު) އަށެވެ.
ޝައުނާ ވިދާޅުވީ ދަތުރުފަތުރަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ދާއިރާ ކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ވައި ނުސާފުވުން ޤައުމީ ފެންވަރެއްގައި މަދުކުރަން ދަތުރުފަތުރުގެ ސިނާއަތް އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަހަރަކު އެވްރެޖުކޮށް 13،000 ވެހިކަލް ރާއްޖެ އެތެރެ ކުރާ ކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، ވެހިކަލުގެ ލިމިޓް ކަނޑައެޅުމުގެ ސިޔާސަތު ކުރީ ސަރުކާރަށް ތަންފީޒުކުރެވިފައެއް ނުވެއެވެ.
މި ސަރުކާރުން ހާމަކުރެއްވި ސިޔާސަތާއި މިހާ ހިސާބަށް ކުރެއްވި މަސައްކަތް
މީހުން ދިރިއުޅޭ ރަށްރަށަށް ރަޖިސްޓްރީ ކުރެވޭ ވެހިކަލުގެ އަދަދު ލިމިޓު ކުރުމަށް ޤާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ވެހިކަލްތަކުގެ މައްސަލަ މިހާ ގޯސްވެފައި އޮތީ މީގެ ކުރިން ގާނޫނުން ބޭރުން ވެހިކަލް ރެޖިސްޓްރީކޮށްދީފައިވާތީ ކަމަށާއި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ.
ވެހިކަލް ލިމިޓުކުރުމާ ގުޅޭ ގޮތުން އަމީން ވިދާޅުވީ ގާނޫނުގައި އޮތް ގޮތުން އެކަން ކުރަން ގިނަ ދަތިތަކެއް ހުރި ކަމަށެވެ. މާލޭގައި ދުއްވާ ހަތަރު ފުރޮޅުލީ އުދަނދުތަކަށް ވުރެ ސައިކަލުގެ އަދަދު ގިނައިރު، ސައިކަލު މިވަގުތު ހުރީ "ކެރީން ކެޕޭސިޓީ" ނުވަތަ މާލެއަށް އެތެރެކޮށް ގެންގުޅެވޭނެ އެއްގަމު އުޅަނދުގެ ލިމިޓަށް ވުރެ އިތުރަށް ކަމަށް އަމީން ވިދާޅުވިއެވެ.
ސައިކަލުގެ ރެޖިސްޓްރޭޝަން ފީއަކީ 100 ރުފިޔާ ކަމަށް ގާނޫނުގައި ސީދާ މިހާރު ބަޔާން ކޮށްފައި އޮތުމުގެ ބަދަލުގައި އެ އަދަދު މިނިސްޓްރީއަށް ކަނޑައަޅަން ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ތަޖުރިބާކާރުން ވެސް ދެކިވަޑައިގަންނަވާ ކަން ފާހަގަކުރެއްވިއެވެ.
"އެކަމަކު ގާނޫނުގައި ސީދާ ވަކި އަދަދެއް ކަނޑައެޅީމާ ވަރަށް އުނދަގޫވޭ ނޫނީ އެ ލިމިޓު ކުރުމުގައި ވެސް އެއްވެސް ޖާގައެއް ނެތް ގޮތަށް އޮތުމާއެކު ވާނީ އިސްލާހުކުރުމަށް އޭޖީ އޮފީހަށް ފޮނުވާފައި،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، އެ އިސްލާހާއެކު އިމްޕޯޓު އެކްސްޕޯޓު ޤާނޫނާއި ޓްރެފިކާ ގުޅުން ހުރި ގިނަ އިސްލާހުތަކެއް އައުމާއެކު މި މައްސަލަ ހައްލުވާން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އިމްޕޯޓު އެކްސްޕޯޓު ޤަނޫނަށް، އިމްޕޯޓުކުރާ ވެހިކަލް ރެޖިސްޓްރީ ނުކުރަނީސް ވެހިކަލެއްގެ ގޮތުގައި ކެޓަގަރައިޒް ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކެރީން ކެޕީސިޓީ މާލޭގައި ކަނޑަނޭޅި އޮތީ ޓްރާންސްޕޯޓުން ހަދާ ގަވައިދެއްގެ ދަށުން އެކަން ކުރަން ޖެހޭތީ ދަތިތަކެއް ހުރުމުން ކަން ފާހަގަކުރައްވައި އެ މައްސަލަ ހައްލުކުރުމަށް، ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދު ކެންސަލް ކުރުމަށް ފަހު ސިޓީ ކައުންސިލަށް ފަސޭހައިން ކެރީން ކެޕޭސިޓީ ކަނޑައެޅޭނެ އުސޫލެއް މިހާރު ގެޒެޓު ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
ވެހިކަލް އެތެރެކުރެވޭނެ އަދަދު ކަނޑައެޅުމަކީ ގާނޫނުން ކައުންސިލުގެ މައްޗަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ. އެ ބާރު ލޯކަލް ކައުންސިލުތަކަށް ލިބޭ ގޮތަށް ގަވާއިދު އެކުލަވާލައި އަމަލު ކުރަންފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޙައްލެއް ބޭނުންވޭ
މާލޭގެ އެއްތަނުން އަނެއްތަނަށް ދިޔުމަށް ޓެކްސީއެއް ހޯދުމަކީ މިހާރު ރައްޔިތުންނަށް ވަރަށް އުނދަގޫ ކަމެކެވެ.
ދަތުރުފަތުރަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ދާއިރާއެވެ. އެގޮތުން ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ވައި ނުސާފުވުން ގައުމީ ފެންވަރެއްގައި މަދުކުރަން ދަތުރުފަތުރުގެ ސިނާއަތް އެއްކޮށް ބަދަލުކުރަން ޖެހެއެވެ.
މިކަންކަން ޙައްލުކުރެވޭނޭ ވެހިކަލް ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކޮށްގެންނެވެ.