Saturday, 22 June 2024
ޙަރަމްފުޅުގެ އިމާމް ޝެއިޚް މާހިރު

ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ ޙަރަމްފުޅުގެ އިމާމު ޝެއިޚް މާހިރު

ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ ޙަރަމްފުޅުގެ ޝެއިޚް މާހިރު ކަމުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވައިފިއެވެ.

ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވުމަށް ޝެއިޚް މާހިރު ކަނޑައެޅުއްވި ކަމަށްޓަކައި ޙަރަމްފުޅުގެ އިސްވެރިޔާ ޝެއިޚް ޢަބްދުއްރަހްމާން އަލް ސުދެއިސް ވަނީ ދެ ޙަރަމްފުޅުގެ ވެރިޔާ ރަސްގެފާނު ސަލްމާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.

ޝެއިޚް މާހިރު އަކީ ކީރިތި ޤުރުއާން ހިތުދަސް ކުރައްވާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އިސްލާމީ ދުނިޔޭގައި ކީރިތި ޤުރުއާން ކިޔަވާ އެންމެ މަޝްހޫރު އިމާމުންގެ ތެރޭގައި ޝެއިޚް ހިމެނެއެވެ.

މާތްވެގެންވާ މަސްޖިދުލް ޙަރަމްގެ އިމާމުގެ މަޤާމަށް ޢުމުރުން 55 އަހަރުގެ ޝޭޚް މާހިރު ޢައްޔަންކުރެއްވީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ މަސްޖިދުލް ނަބަވީގެ އިމާމުކަން ވެސް ކުރައްވައިފައެވެ. އޭނާ ތަޢުލީމް ޙާޞިލްކުރެއްވީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީންނާއި ރިޔާޞްގެ ކިންގް ސަޢުދު ޔުނިވަރސިޓީންނެވެ.

އަދި 1428 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ޙަރަމްފުޅުގައި ތަރާވީހާއި ތަހައްޖުދު ނަމާދު އިމާމު ކުރައްވަމުން ގެންދަވައެވެ.

ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުޙިއްމު ދުވަހެވެ. ޢަރަފާތު ދުވަހުގެ ޚުތުބާ ދެނީ މަސްޖިދުލް ނަމިރާގައެވެ. އެ މިސްކިތް ބިނާކޮށްފައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވި މަޤާމުގައެވެ. މަސްޖިދުލް ނަމިރާއަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.

މި އަހަރުގެ ޙައްޖު މޫސުން ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން 14 ވަނަ ދުވަހުއެވެ. އަދި ޢަރަފާތު ދުވަހަކީ ޖޫން 16 ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އަހަރު ދެ މިލިއަން މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު