ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރެއްވީ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި، އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް ހައްޔަރު ކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ އެއާޕޯޓުގައި ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރި ނަމަވެސް އޭނާ ފުރުން މަނާކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ހަޑަޑްގެ މައްޗަށް 2 ދައުވާއެއް ކޮށްފައިވާއިރު، އެ ދަޢުވާއަކީ، އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެވެ. އެ ދެ ދައުވާއަށްވެސް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވިއެވެ. އެއީ ދައުލަތާއިއެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުންނެވެ.
އެހެންކަމުން، މީހެއްގެ ގައިގައި އަތްލުމުގެ ދައުވާގައި އޭނާ 3،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އަދި އަނިޔާއެއް ދިނުމުގެ ދައުވާގައި 7،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމެވިއެވެ. އާއިއެކު ޖުމްލަ 10،800ރ. ގެ ޖޫރިމަނާގެ އަދަބަކަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.
އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭކަމަށް ހުކުމުގައި އަންގާފައިވެއެވެ.